ޚަބަރު

ޕީއެސްއެމް ޓެލެޑްރާމާ މުބާރާތުގެ އެއްވަނަ އެމްއޭސީއެލްގެ "ނަކަލު" ޑްރާމާއަށް


1440 ވަނަ އަހަރުގެ ޕީއެސްއެމް ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑްރާމާ ނަކަލު ހޮވިއްޖެއެވެ. އެމްއޭސީއެލްގެ ނަކަލު ޑްރާމާ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައިމިވަނީ މިއަހަރުގެ ޑްރާމާ މުބާރާތުގައި ވާދަކޮށްފައިވާ ކަސްޓަމްސްއާއި ވެމްކޯއާއި ވާދަކޮށްގެންނެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މިއަހަރު ރަމަޟާން މަހު ބާއްވާފައިވާއިރު މިމުބާރާތުގެ އެއްވަނަ ހޯދާފައިވާ އެމްއޭސީއެލުން ވަނީ މުބާރާތުގެ ގިނަ އެވޯޑުތަކެއް ޙާޞިލްކޮށްފައެވެ. އެގޮތުން އެކުންފުނީގެ ޑްރާމާ ނަކަލު ވަނީ އެންމެ މޮޅު އެޑިޓަރގެ އެވޯޑާއި އެންމެ މޮޅު ސިނަމަޓޮގްރަފީގެ އެވޯޑާއި އެންމެ މޮޅު ސްކްރީން ޕްލޭ އެވޯޑުވެސް ހޯދާފައެވެ.

ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ނިއުކަމާރ އަންހެން ފަންނާނުގެ އެވޯޑު ހޯދާފައިވަނީ އެމްއޭސީއެލްގެ ފާތުމަތު ޙަނީފާއެވެ. އަދި އެންމެ މޮޅު ނިއުކަމާރ ފިރިހެން ފަންނާނަކަށް ހޮވިފައިވަނީ އެމްއޭސީއެލްގެ އަޙްމަދު ޝަމްޢާން. އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރ އެވޯޑު އެމްއޭސީއެލްގެ ޢަބްދުﷲ މާހިރު ހޯދިއިރު މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވިފައިވަނީ އެމްއޭސީއެލްގެ ޢައިޝަތު ކައުސަރެވެ. އަދި އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑު ހޯދާފައިވަނީ އެކުންފުނީގެ އަޙްމަދު ޝަމްޢާނެވެ. މުޅި މުބާރާތުގެ އެންމެ ވާދަވެރި އެއް އެވޯޑު ކަމުގައިވާ އެންމެ މޮޅު ޑިރެކްޓަރގެ އެވޯޑުވެސް ހޯދާފައިވަނީ އެމްއޭސީއެލުންނެވެ. އެގޮތުން މި އެވޯޑު ހޯދާފައިވަނީ ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނު އިސްމާއިލް ރަޝީދެވެ.

މިއަހަރުގެ ޑްރާމާ މުބާރާތުގައި އެމްއޭސީލއެލާއެކު ވާދަކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސްއާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން ވެމްކޯއިންނެވެ. ބެލުންތެރިންނަށް އެންމެ ފާހަގަކޮށްލެވޭ ޑްރާމާއަކަށް މިއަހަރު ހޮވިފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޑްރާމާ 'ނަމަ'އެވެ. އަދި ބެލުންތެރިންނަށް އެންމެ މޮޅު އަންހެން ފަންނާނަކަށް ހޮވިފައިވަނީ ވެމްކޯގެ އަންހެން ތަރި އާމިނަތު ޝިއުނާ. އަދި ބެލުންތެރިންނަށް އެންމެ މޮޅު ފިރިހެން ފަންނާނަކަށް ހޮވިފައިވަނީ ވެމްކޯގެ ނަސްރުﷲ އަޙްމަދެވެ. މިއަހަރުވެސް އެންމެ މޮޅު ސަޕޯޓިންގ އެކްޓަރގެ މަޤާމު ހޯދާފައިވަނީ މީގެ ކުރީގެ މުބާރާތްތަކުގައިވެސް މިމަޤާމު ހޯދާފައިވާ މޯލްޑިވްސް ކަސްޓަމްސްގެ "މަރު" ޑްރާމާއިން ފާތުމަތު ނީނާޒެވެ. އަދި މިކެޓަގަރީން އެންމެ މޮޅު ފިރިހެން ތަރިއަކަށް ހޮވިފައިވަނީ ވެމްކޯގެ ޑްރާމާ "ނަމަ"އިން ޢަބްދުﷲ މާހިރެވެ.

ޕީއެސްއެމް ޑްރާމާ މުބާރާތް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ފަންނުވެރިކަމުގެ މުހިއްމުކަމާއި ރާއްޖޭގެ ފަންނާނުންގެ ސަބަބުން ޤައުމަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

މިޙްފްލާގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަމީމު ވަނީ އަންނަ އަހަރުގެ ޑްރާމާ މުބާރާތް އިތުރަށް ވަރުގަދަ ކުރައްވަން ޕީއެސްއެމުން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ޑްރާމާ މުބާރާތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިއަހަރުގެ ޑްރާމާ މުބާރާތުގެ ސީނިއަރ ޖަޖް މަރިޔަމް ޝައުގީ ވަނީ ޑްރާމާތަކުން ފާހަގަކުރެވިފައިވާ ކަންކަމާއި ރަނގަޅު ކުރަން ޖަޖުންނަށް ފެންނަކަންކަން ހިއްސާކުރައްވާފައެވެ. 1440 އަހަރު އެކި ކެޓަގަރީތަކުން އެވޯޑު ހޯދިފަރާތްތަކުންވަނީ އެފަރާތްތަކުގެ ޝުއޫރު ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވާފައެވެ.

މިއަހަރުގެ ޓެލެ ޑްރާމާ މުބާރާތުގައި ބައިވެރިވި ކުންފުނިތަކުގެ ޢަދަދު މަދުވެފައި ވުމުން އެކަން ގިނަ ފަރާތްތަކަކުން ވަނީ ފާހަގަކޮށްފައެވެ. މިރަސްމިއްޔާތުގައި ޕީއެސްއެމުންވަނީ އަންނަ އަހަރުގެ ޓެލެޑްރާމާ މުބާރާތުގެ ޓެކްނިކަލް ހުރިހާ އެހީއެއް ކުންފުނިތަކަށް ދިނުމަށް ނިންމާފައެވެ. އެގޮތުން އަންނަ އަހަރުގެ ޓެލެޑްރާމާ މުބާރާތް ވަރުގަދަ ކުރުމަށްޓަކައި ޕީއެސްއެމުން އެކުލަވާލި މަގުޗާޓުވެސްވަނީ މިޙަފްލާގައި ޢާއްމުކޮށްފައެވެ. އެގޮތުން މިއަހަރު ސެޕްޓެމްބަރު މަހު ޕީއެސްއެމްގެ މީޑިއާ އިންސްޓިޓުޓުން ޑްރާމާގެ އެކި ބައިތަކަށް ޚާއްސަ ކޯސްތަކެއް ހިންގުމަށް ހަމަޖެހިފައިވާއިރު އޮކްޓޯބަރުމަހު އަންނަ އަހަރުގެ ޑްރާމާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނޮވެމްބަރު މަހު ބައިވެރވާ ކުންފުނިތަކުގެ ޑައިރެކްޓަރުންނަށް ޚާއްސަ ޓްރެއިނިންގ ތަކެއް ދިނުމަށްވެސް ޕީއެސްއެމުންވަނީ ނިންމާފައެވެ.