ސިޔާސީ

މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަނީ


މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގާދިޔަގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޢިދާރާއިން ކުރި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން، އެކަން ހިނގާދިޔަގޮތް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ހެނދުނު 11:00 ގައި އޮންނާނެކަމަށެވެ.

މާފުށި ޖަލުގައި ޤައިދީއަކު އޮފިސަރަކަށް ހަމަލާ ދިނުމާއި ގުޅިގެން އެ އޮފިސަރ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދީފައިވާކަމަށާއި، އެ ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދާ ޖަލުގެ ހާލަތު އާންމު ހާލަތަކަށް ގެނެވުނުކަމަށް ކަރެކްޝަނަލް ސަރވިސުންވަނީ ވިދާޅުވެފައެެވެ. ނަމަވެސް އެ ޙަމަލާ ދީފައިވަނީ ކޮން އެއްޗަކުން ކަމެއް ކަރެކްޝަނަކުން ހާމަކޮށްފައެއްނުވެއެވެ.

މިކަމާގުޅިގެން ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ޤައިދީނަށް އަނިޔާކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރުނަމަވެސް ކަރެކްޝަނަލް ސަރވިސުން ވަނީ އެކަން ދޮގުކުރައްވާފައެވެ. އެގޮތުން އެސަރވިސުން ވިދާޅުވީ މިއަދާއި މިރޭ ވެސް މާފުށީ ޖަލުގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ހިނގަމުން ނުދާކަމަށާއި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިޔޯއަކީ ކުރީގެ ތާރީޚެއްގެ ވީޑިޔޯއެއްކަމަށެވެ.

އިއްޔެ ޖަލުގައި ހިނގާދިޔަ ކަންކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިންވެސް ބަލަމުން އަންނަކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.