ޚަބަރު

މަލީޝާ ގްރޫޕްގެ ވެރިޔާގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި


ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނަގާ އެ ފައިސާއަށް ހިޔާނަތްތެރިވި މަލީޝާ ގްރޫޕްގެ ވެރިޔާ އިސްމާއިލް އަބްދުލް ލަތީފްގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.ދައުލަތުން އެނާއާއި ދެކޮޅަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ ހައްޖަށް ގެންދިޔުމުގެ ހުއްދަ ނުދެނީސް ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ސަތޭކަ ސައްބީސް މީހުން އަތުން އަށްމިލިޔަނަށް ވުރެ ގިނަ  ރުފިޔާ ނަގާ އެ ފައިސާއަށް އިސްމާއިލް އަބްދުލް ލަތީފް ހިޔާނަތްތެރިވެފައިވާކަމަށެވެ.މި މައްސަލާގައި އަޑުއެހުންތައް މިއަދު ނިންމާލި އިރު ހައްޖަށް ގެންގޮސްދޭކަމަށް ބުނެ އިސްމާއިލް އަބުލްލަތީފް މަކަރުހަދައި އޮޅުވާލުމުން ގެއްލުންވި މީހުން  އެނާއާއި ދެކޮޅަށް ކޯޓްގައި ހެކިބަސްދީ އެ ފައިސާ ބޭނުންވާކަމަށް ބުނެފައިވެއެވެ.ހައްޖަށް ގެންދިޔުމުގެ ކުރިން އެތައް ބައެއްގެ އަތުން ފައިސާ ނެގިކަމަށް އިސްމާއިލް އަބްދުލް ލަތީފް  އެއްބެސްވިނަމަވެސް ދައުލަތުން އޭނާއާއި ދެކޮޅަށް ކުރާ ހިޔާނާތުގެ ދައުވާއަށް އެނާވަނީ އިންކާރްކޮށްފައެވެ. އަދި މީހުން އަތުން ނެގި ފައިސާއިން މައްކާގެ ހައްޖުވެރިން ތިބޭނެ ހޮޓާތައް ހިފިކަމަށް ބުނާ ލިޔުންތައް އޭނާގެ ފަރާތުން ކޯޓަށް ހުށައަޅާފައިވެއެވެ.މި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އިސްމާއިލް އަބްދުލްލަތީފް އަކީ ފިޓްޖެހޭ މީހެއްކަމަށާއި އޭނާއަކީ ދާއިމީ ބޭހެއްކާ މީހަކަށްވުމުން އަދުލްވެރިކަމާއި އެކު ކުޑަ ނިޔާއެއް ކަނޑައަޅާދިނުމަށް އިސްމާއިލް އަބްދުލް ލަތީފްގެ ވަކީލް މިއަދު އެދިފައިވެއެވެ.