ޚަބަރު

އައިޖީއެމްއެޗުގެ ސޮފްޓްވެއަރ މައްސަލާގައި ކޮރަޕްޝަންގެ ޢަމަލެއް ނޯންނާނެ - އެމް.ސީ.އެސް.ޓީ


އައި.އެމް.އެޗަށް ބޭނުންވާ ސޮފްޓްވެއަރއެއް ހޯދުމަށް ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ.

އައި.ޖީ.އެމް.އެޗުގައި ބޭނުންކުރުމަށް ސޮފްޓްވެއަރއެއް ތަރައްޤީކުރުމުގެ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހުރިކަމަށްބުނެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝާފިޢީ އިއްޔެގެ ވަގުތެއްގައި ވަނީ މަޤާމުން އިސްތިޢުފާދެއްވާފައެވެ. އަދި އެކަން ޓުވިޓަރގައިވެސް އޭނާ ހާމަކޮށްފައިވާއިރު، ކުރީގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަކަށް ކޮށްފައިވާކަމެއްގައި މިހާރުގެ ސަރުކާރުންވެސް ބައިވެރިވާތީ އެކަމުގެ ކަންބޮޑުވުންވެސް އޭނާ ވަނީ ފާޅުކޮށްފައެވެ.

މިކަމާގުޅިގެން ޕީ.އެސް.އެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ އޮފިޝަލަކު ވިދާޅުވީ، ޝާފިޢީ އިސްތިޢުފާދެއްވާފައިވަނީ ވުޖޫދުގައިވެސް ނެތްކަމެއްގެ ވާހަކަ ދެއްކެވުމަށްފަހު ކަމަށާއި، އައިޖީއެމްއެޗްގައި ބޭނުންކުރުމަށް ސޮފްޓްވެއަރއެއް ތަރައްޤީކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސްކަމެއް އެ މިނިސްޓްރީން ކޮށްފައިނުވާކަމަށެވެ. އަދި އެކަން އައި.ޖީ.އެމް.އެޗުން ކުރިއަށްގެންދަނީ އޮންނަ އުޞޫލުންކަމަށާއި، އެ މިނިސްޓްރީގެ ދަޢުރަކީ ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޕީ.އެސް.އެމްއަށް އެނގިފައިވާގޮތުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުން މުޙައްމަދު ޝާފިޢީ އިސްތިޢުފާދެއްވާފައިވަނީ އޮފީހަށް ވަޑައިނުގަންނަވާތާ ގިނަ ދުވަސްތަކެއްވުމަށްފަހުއެވެ. އަދި ޝާފިޢީ މިވަގުތު ހުންނެވީވެސް ރާއްޖޭން ބޭރުގައެވެ.