ޚަބަރު

ހަތަރު އަހަރަށްފަހު "ޕެގީ" އަމިއްލަ ވަޒަނަށް!


އަޅުގަނޑުމެންގެ ރާއްޖެއަކީ ނުވަދިހައަށްވުރެ ބޮޑު އިންސައްސައެއް ކަނޑު ޙިއްސާކުރާ ޤައުމަކަށްވާއިރު، ކަނޑުފަޅުގެ ދިރުންތަކާއި މާޙައުލަށް އަޅުގަނޑުމެން ބަރޯސާވާ މިންވަރު ވަރަށްބޮޑެވެ. ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ މިޤައުމުގެ ދެމިއޮތުމާއި މުސްތަޤުބަލުވަނީ ކަނޑުގެ ދިރުންތަކާއި ޤުދުރަތީ މިމާޙައުލުގެ ޙިމާޔަތާ ގުޅިފައެވެ. އެހެންކަމުން ކަނޑުފަޅުގެ ދިރުންތައް ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތަކީ އަޅުގަނޑުމެން ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.

ބ.އަތޮޅުގައި ހިންގާ ފޯ ސީޒަން ލަނޑާގިރާވަރުގެ "މެރިން ޑިސްކަވެރީ ސެންޓަރ"އިން ރާއްޖޭގެ ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމަށާއި އެކަމުގެ ޢިލްމީ ދިރާސާތައްކުރުމަށް ހިންގާ ޕްރޮގްރާމްތަކަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މިދެންނެވި "މެރިން ޑިސްކަވެރީ ސެންޓަރ" ސެންޓަރު މެދުވެރިކޮށް ކާމިޔާބު އެތައް މަސައްކަތެއް ކުރަމުންދެއެވެ.

އޭގެތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްވާހަކައަކީ "ޕެގީ"ގެ ނަން ދީފައިވާ ވެލައެއްގެ ވާހަކައެވެ. އެއީ 25 އޮގަސްޓު 2014އެވެ. "މެރިން ޑިސްކަވެރީ ސެންޓަރ"ގެ މެރިން ބަޔަލޮޖިސްޓުންނަށް "ޕެގީ" ފެނުނީ މާލެއަތޮޅު އުތުރުން ކުރަމަތި އައިލެންޑް ރިސޯޓާ ދިމާއިންނެވެ. އެއަށްފަހު ކުޑަހުރާއަށް އޭތި ގެންދިޔައިރު އޭތިވަނީ އެކިކަހަލަ ހާނީއްކަތަކާއެކު ސިއްޙީގޮތުން ވަރަށްބޮޑަށް ބަލިކަށިވެ ބަނޑަށް ވައި އަރައި ފެންމައްޗަށް އަރާފައެވެ. އޭރުވެސް އޭގެ ކަނާތްފަރާތު ކުރީ ފިޔަތްގަނޑުވަނީ ބުރިވެފައެވެ. އަދި ބޮލަށްވެސް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން ވަތްފަރާތު ކުރީ ފިޔަފަތްގަނޑަށްވެސް ވަނީ ހާނީއްކަވެފައެވެ.

މި ހާނީއްކަތަކުގެ އިތުރުން ޤުދުރަތީ މާހައުލުގައި އަމިއްލައަށް ދިރިއުޅެވޭވަރަށްވުރެ ބޮޑަށް އޭތި އޮތީ ބަލިކަށިވެފައެވެ. އެހެންކަމުން ކުޑަހުރާގައި ވަނީ އެއަށް ފަރުވާދީފައެވެ. ޖިސްމާނީގޮތުން ލިބިފައިވާ ހާނީއްކަތަކަށް ފަރުވާ ދިނުމަށްފަހު އަމިއްލަށް އުޅެވޭފަދަ ޙާލަތަކަށް އޭތި ގެންދިއުމަށްޓަކައި ރިހެބިލޭޓްޓް ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިޔައެވެ. އެއަށްފަހު އޭތި ފޯސީޒަންގެ ލަނޑާގިރާވަރަށް ބަދަލުކުރިއެވެ. ލަނޑާގިރާވަރުގެ "މެރިން ޑިސްކަވަރީ ސެންޓަރ"ގެ ދަށުން ހިންގާ ވެވެލާ ރިހެބިލިޓޭޝަން ސެންޓަރުގައިވެސް މި ވެލައަށް ފަރުވާދިނެވެ.

"ޕެގީ"އަށް މިތަނުން ދިން ފަރުވާއަށްފަހުވެސް ޤުދުރަތީ މާޙައުލަށް އޭތި ދޫކޮށްލެވޭ ވަރެއްނުވިއެވެ. ސަބަބަކީ މޫދަށް ދޫކޮށްލައިފިނަމަ އަމިއްލައަށް ފީނައި، ކާނާ ހޯދައި ސަލާމަތުން ދިރިއުޅެން މަސައްކަތްކުރުމުގެ ޤާބިލްކަން އޭއްޗަށް އަލުން ނުލިބުމެވެ.

"ޕެގީ"ގެ ދިރިއުޅުން އޭގެ އަސްލު މާޙައުލަށް ބަދަލުކުރުމުގެ އުންމީދު އެއަށް "ޕެގީ"ގެ ނަމުން ނަންދިން ފޯސީޒަންގެ ޓީމުން ކަނޑާނުލައެވެ. "ދަ ފްލައިން ޓަރޓަލް"ގެ ނަމުގައި 2016ވަނަ އަހަރުގެ އޮގަސްޓު މަހު ފޯސީޒަނުން އިފްތިތާޙުކުރި ޕްރޮގްރާމް ވެގެންދިޔައީ "ޕެގީ"ގެ މުސްތަޤުބަލަށް ލިބުނު އުޖާލާ އުންމީދަކަށެވެ.

މި ޚާއްސަ ޕްރޮގްރާމުގެ ދަށުން އިތުރު ފަރުވާ ހޯދުމަށް "ޕެގީ" އެފަދަ އިތުރު ތިން ވެލައާއެކު ބެލްޖިއަމަށް ގެންދިޔައެވެ. އެޤައުމުގައި މިފަދަ ޖަނަވާރުތަކަށް ފަރުވާދޭ ޚާއްސަ ޒުލެއްގައި "ޕެގީ"އަށް އިތުރު ފަރުވާއާއި އެކި އެކްސަސައިޒް ދިނެވެ. މިއީ ރާއްޖޭގެ މިފަދަ ކަނޑުގެ ދިރުމަކަށް ފަރުވާދިނުމަށް، ނުވަތަ ކަނޑުގެ ދިރުންތަކާބެހޭ މިފަދަ ދިރާސާއެއްކުރުމަށް ޔޫރަޕަށް އެއްޗެއް ގެންދިޔަ ފުރަތަމަ ފަހަރެވެ.

އިތުރުފަރުވާއަށް ޔޫރަޕަށް ގެންދިޔަ 4 ވެލާގެ ތެރެއިން ފަރުވާއަށްފަހު އޭގެ އަސްލު މާޙައުލަށް ދެވޭވަރަށް ރަނގަޅުވީ "ޕެގީ" އެކަންޏެވެ. މިހާރުވެސް އޭތީގެ ކަނާތްފަރާތު ކުރީ ފިޔަފަތެއް ނެތެވެ. އެހެންނަމަވެސް ކަނޑުގެ ޤުދުރަތީ މާޙައުލުގައި، އޭތީގެ އަމިއްލަ ވަޒަނުގައި އަމިއްލައަށް އުޅުމުގެ ފުރިހަމަ ޤާބިލްކަން މިހާރު އެއަށްވަނީ އަނެއްކާވެސް ލިބިފައެވެ. ފަރުވާއަށްފަހު "ޕެގީ" ރާއްޖެއަށް ގެނައީ މިމަހުގެ 19ވަނަދުވަހުއެވެ. އެއަށްފަހު ފޯސީޒަންގެ ކުޑަހުރާ ރިސޯޓުގައި އޭތި ބޭއްވުމަށްފަހު މިހާރު އޭތިވަނީ މޫދަށް ދޫކޮށްލާފައެވެ.

"ޕެގީ" މޫދަށް ދޫކޮށްލުމަށްޓަކައި ކުޑަހުރާގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. ރިސޯޓުގެ މެނޭޖުމަންޓުގެ އިސްބޭފުޅުންނާއި މުވައްޒަފުންނާއި، މި ޕްރޮގްރާމުގައި އެކި ގޮތްގޮތުން ޙަރަކާތެރިވި މީހުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ. އަދި މިވަގުތު ޗުއްޓީ ހޭދަކުރަމުންދާ ބައެއް ފަތުރުވެރިންވެސް މިރަސްމިއްޔާތިގައި ބައިވެރިއެވެ.

މިރަސްމިޔާތަށްފަހު ފޯސީޒަންސް މޯލްޑިވްސް ކުޑަހުރާގެ ޖެނެރަލް މެނޭޖަރ ރޭންޑީ ޝިމަބުކޫ ވަނީ މި ޚާއްސަ މަސައްކަތް ކުރިއަށް ގެންދިއުމުގެ މުހިންމުކަމާއި، ކަނޑުގެ ދިރުންތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށް ފޯސީޒަންއިން މިހާބޮޑު ސަމާލުކަމެއްދޭ ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ފްލައިން ޓަރޓަލް ޕްރޮގްރާމުގެ އެކިއެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވި ފަރާތްތަކާއި، "ޕިގީ"ގެ ފަރުވާގެ އެކި މަރުޙަލާތަކުގައި މަސައްކަތްކުރި ބައެއް މީހުންވަނީ އެމަސައްކަތް ކުރިއަށްދިޔަގޮތުގެ ބައެއް މަޢުލޫމާތު އަޅުގަނޑުމެންނާ ޙިއްސާކޮށްފައެވެ.

ކޮންމެއަކަސް މިކާމިޔާބު ޕްރޮގްރާމަށްފަހު "ޕެގީ"އަލުން އެނބުރި އޭގެ މާޙައުލަށް އެދަނީ ހިނިތުންވުމާއެކުއެވެ. މޫދަށް ދޫކޮށްލުމާއެކު އެއް ފިޔަފަތްގަނޑު ނެތުމުގެ އުނދަގޫ ކޮންމެވެސް ވަރަކަށް ތަޙައްމަލުކުރެވުނުކަން ފާހަގަވިއެވެ. އެހެންނަމަވެސް އޭގެ ޙަރަކާތްތަކުން ފެނުނީ އުފާވެރިކަމާއި، ހިތްހަމަޖެހުމެވެ. ފެނުންމަށް ބޯހިއްލާލައި ދެފަހަރަކު ބަލާލުމަށްފަހު ފަޅުތެރެއިން ނުކުމެގެން ފޭބީ ކަނޑަށެވެ. އޭގެ ޚިދުމަތުގައި އެތައް އަހަރެއް ހޭދަކުރި އޯގާތެރިންނަށް ޝުކުރު އަދާކުރަމުންނެވެ.

"ޕެގީ" މޫދަށް ދޫކޮށްލުއިރު އޭގެ ބުރަކަށީގައި ވަނީ "ޓްރެކިން ޑިވައިޒް"އެއް ހަރުކޮށްފައެވެ. މި، ޑިވައިޒްގެ އެހީގައި އޭގެ މިސްރާބާއި އޭތި ދަތުރުކުރާ ގޮތް ދެނެގަނެވެއެވެ. "ޕެގީ"އަށް އަލްވަދާޢުކިޔަން ނުކުން އެންމެންވެސް އެދެނީ އޭއްޗަށް ރައްކާތެރިކަމަށެވެ.