ކުޅިވަރު

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލް އޭސީ ކުރަނީ


ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލް އޭސީ ކުރުމުގެ މަސައްކަތް ވަރަށް ކައިރި މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓާރ މަޚްލޫފް ވިދާޅުވީ، ޕްލޭނިންގް މިނިސްޓްރީ އާއި ގުޅިގެން ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގެ ސްޓަޑީއެއް ހަދަމުންދާ ކަމަށާއި، އެމަސައްކަތް ނިމުނުހާ އަވަހަކަށް ހޯލް އެއްކޮށް އޭސީ ކުރުމަށް ޓެންޑާރ އަށް ފޮނުވާނެ ކަމަށެވެ.

މިނިސްޓާރ ވިދާޅުވީ މިއީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމަށާއި، ނަމަވެސް ޒުވާނުންގެ މަރުކަޒުގެ ހޯލަކީ ރާއްޖޭގެ ހުރިހާ އިންޑޯ ކުޅިވަރުރަކެއް ބަރޯސާވާ ތަން ކަމަށް ވެފައި، އިންޑޯ ހޯލުގެ ވެންޓިލޭޝަންގެ ޝަކުވާ، އިންޑޯ ހުރިހާ ކުޅިވަރު ތަތަކުންވެސް ކުރާކަމަށެވެ.

މިނިސްޓާރ ވިދާޅުވީ، ހޯލް އެއްކޮށް އޭސީ ކުރި ކަމުގައި ވިޔަސް އެއީ އެންމެ ރަނގަޅު ހައްލު ނޫން ކަށާއި، އުންމީދަކީ އިންޑޯ ކޮންމެ ކުޅިވަރަކަށްވެސް އެކުޅިވަރެއް ކުޅޭނެ ޚާއްސަ ކޯޓެއް ހޯދައި ދިނުން ކަމަށެވެ. އަދި އެކަމުގެ ބައެއް މަސައްކަތް ތައްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް މިނިސްޓާރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މި އަންނަނީ އިންޑޯ ހޯލުގެ ސްޓަޑީއެއް ހަދަމުން، އެކަން ނިމުނުހާ އަވަހަކަށް ޓެންޑާއަށް ފޮނުވާލާނަން، މުޅި ހޯލް އޭސީ ކުރަން މި މަސައްކަތް ކުރަނީ، ދެން މީކީ އެންމެ ރަނގަޅު ހައްލެއް ކަމަށް އަޅުގަނޑުމެން ނުދެކެން، އަމާޒަކީ އިންޑޯ ކޮންމެ ކުޅިވަރަކަށް ޚާއްސަ ކޯޓެއް ހޯދައިދިނުން" މިނިސްޓާރ މަޚްލޫފް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިއަހަރަށް ފާސްކުރި ބަޖެޓުގައިވެސް، ޒުވާނުންގެ މަރުގެޒުގެ އިންޑޯ ހޯލުގެ ވެންޓިލޭޝަން މައްސަލަ ހައްކުރަން ހިމަނާފައެވެ.