ޚަބަރު

މާލޭ މަގުތަކުން ފެންހިންދުމުގެ 2 ވަނަ މަޝްރޫޢު ހަވާލުކޮށްފި


މާލޭގެ މަގުތަކުގައި
ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެމް.ޑަބްލިއު.އެސް.ސީ
އާއި އެކު ހައުސިންގ މިނިސްޓްރީން ހޯމަ ދުވަހު ސޮއިކޮށްފިއެވެ.



މިއެއްބަސްވުމުގައި
ސޮއިކުރުމަށް މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ
ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި
އެމް.ޑަބްލިއު.އެސް.ސީ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ
އިބްރަހިމް ފަޒުލް ރަޝީދުއެވެ. މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ
ހައްލުކުރުމުގެ ދެވަނަ ފިޔަވައްސަކީ ސަރުކާރުގެ ބަޖެޓުން ސާދަ މިލިއަން ރުފިޔާ
ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިމަސައްކަތް ނިންމުމަށް
ހަމަޖެހިފައިވަނީ 10 މަސްދުވަހުގެ ތެރޭގައި. މި ސޮއިކުރެވުނު އެއްބަސްވުމުގެ
ދަށުން ބޯކޮށް ވާރޭވެހުމުން އެންމެ ބޮޑަށް ފެންބޮޑުވާ ފަސް ސަރަހައްދެއްގައި
ޕަންޕް ހަރުކޮށް މޫދާ ގުޅާލުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވެއެވެ.
އެފަސް ސަރަހައްދަކީ، ތާޖުއްދީން ސްކޫލް ސަރަހައްދު، ކަލާފާން ސްކޫލް ސަރަހައްދު،
ހުޅުމާލޭ ފެރީޓަރމިނަލް ސަރަހައްދު، މާލޭ ހުޅަނގުފަރާތު ދެކުނު ސަރަހައްދު އަދި
ހައުސިންގ މިނިސްޓްރީ ހުންނަ ސަރަހައްދެވެ. ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު
މުޢިއްޒު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން، ފުރަތަމަ ފިޔަވަހީގައި
މަސައްކަތްކުރި ސަރަހައްދުގައި އިތުރަށް ފެން ބޭރުކުރުމަށްޓަކައި، 8 ވަޅު ގާއިމްކޮށް،
ފެން ދައުރުކުރާނެ ނިޒާމެއް ގާއިމްކުރެވޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ،
މިމަޝްރޫއުގެ ދަށުން މާލެއަށް ބޯކޯށް ވާރެހިގެން ފެންބޮޑުވާ މައްސަލައަށް ހައްލެއް
ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.


މިރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ވިދާޅުވީ، މި
މަޝްރުއުގެ މަސައްކަތް ނިންމުމަށް ދިހަ މަސްދުވަސް ކަނޑައަޅަފައިވީ ނަމަވެސް ހަތް
މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާނެކަމަށެވެ. ފަޒުލް ވިދާޅުވީ،
އެކުންފުނީގެ އަމާޒަކީ، ރައްޔިތުންނާއި ގުޅުހުންހުރި އެފަދަ މަސައްކަތްތަކަށް
ސަރުކާރަށް އެއްބާރުލުން ދީގެން ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުންކަމަށެވެ.



ހައުސިންގ މިނިސްޓަރީން
ފުރަތަމަ ފިޔަވަހީގައި މާލޭގައި ފެންބޮޑުވާ ބައެއް ސަރަހައްދެއްގައި ފެން ހިންދާ
ޕަމްޕުކުރެވޭ ނިޒާމް ގާއިމްކޮށްފައިވެއެވެ. އަދި އެކަމުގެ ނަތީޖާ ފެންނަކަމަށްވެސް
މިނިސްޓަރ ވިދާޅުވިއެވެ. އެސަރަހައްދުތަކަކީ، އަމީނީ މަގު ޣިޔާސުއްދީން ސްކޫލް
ސަރަހައްދު، ޕޯރޓް ކޮމްޕްލެކްސް ސަރަހައްދު އަދި އައިޖީއެމްއެޗް ކަނބާ އައިސާރަނި
ހިނގުމެވެ.