ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ނަމުގައި އެކި ފަރާތްކަށް ގުޅާ އޮޅުވާލައިގެން ފައިސާ ހޯދުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށާއި އެއްވެސް ފައިސާއެއް ހޯދަން ޕީއެސްއެމުން ނުގުޅާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
ޕީއެސްއެމުން ބުނީ އެ ކުންފުންޏާއި އެކި ޖަމްޢިއްޔާތައް ގުޅިގެން ހިންގާ ޕްރޮގްރާމެއްގެ ނަމުގައި އެކި ފަރާތަކަށް ގުޅާ އޮޅުވާލައިގެން ފައިސާ ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ.
ޕީއެސްއެމުން ބުނީ އެ ކުންފުނިން ހިންގާ އެއްވެސް ހަރަކާތެެއްގައި އެއްވެސް ފަރާތަކާއި ގުޅާ ފައިސާ ހޯދަން އެ ކުންފުނިން ނުބުނާނެ ކަމަށެވެ. އަދި މިިފަދަ ޢަމަލުތައް ހިންގާފަރާތްތަކާމެދު ސަމާލުވެ ރައްކާތެރިވުމަށް ޕީއެސްއެމުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެކި އެކި ޕްރޮމޯޝަންތަކާއި ލަކީ ޑްރޯގެ ނަމުގައި ގުޅާ އޮޅުވާލައިގެން ފައިސާ ޖަމާކޮށްދިނުމަށް އެދޭ ފަރާތްތަކުން ކުރާ ކޯލުތައް ފަހަކަށް އައިސް އިތުރުވަމުން އަންނަކަމަށް ބޭންކް އޮފް މޯލްޑިވްސްއިންވެސް ވަނީ ދާފީ ފަހުން ބުނެފައެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމަށް އެކި ކުންފުނިތަކަށާއި އެކި މީސްމީހުންނަށް ގުޅާ މަސައްކަތް ކުރުމަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް އާއްމުވެފައިވާކަމެކެވެ. އަދި ނުދަންނަ ނަމްބަރުތަކުން ގުޅާ ގިނަ އަދަދަކަށް އެ މީހުންގެ އަތުން ފައިސާ ހޯދަމުންދާކަމށް ފުލުހުންވެސް ވަނީ ބުނެފައެވެ.