އީރާނު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ތަފާތު ސަޕްލަޔަރުންގެ އަތުން ތެޔޮ ހޯދުމުގެ މަސައްކަތް ބަންގްލަދޭޝުން ދަނީ ކުރަމުންނެވެ. 175 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ހަކަތައިގެ 95 އިންސައްތަ އުފެއްދުމަށް އެ ޤައުމުން ބަރޯސާ ވަނީ ބޭރު ޤައުމުތަކުން އެތެރެކުރާ ތެލުގެ މައްޗަށެވެ.
ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށުމާއެކު އީރާނުން ވަނީ އެއްވެސް އުޅަނދަކަށް ހުރުމުޒް ކަނޑުއޮޅި ބޭނުންނުކުރެވޭނެ ކަމަށް އިޢުނާކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެއާއެކު އެ ކަނޑުއޮޅި ހުރަސްނުކުރެވި، އެތައް ސަތޭކަ ތެޔޮ ޓޭންކަރު ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. އުޅަނދުތައް ދަތުރުކުރުމަށް ހުރަސްއެޅި، ޓޭންކަރުތަކަށް އިތުރަށް ތެޔޮ ބަރާ ނުކުރެވޭތީ ގަލްފު ސަރަޙައްދުގެ ތެޔޮ އުފައްދާ މަރުކަޒުތަކުގެ ގުދަންތައް މިހާރު ވަނީ ފުރިފައެވެ. އެއާއެކު ތެޔޮ އުފެއްދުމުގެ މަސައްކަތް މި ވަގުތަށް މަޑުޖައްސައިލުމަށް އެ މަރުކަޒުތަކަށް ވަނީ މަޖުބޫރުވެފައެވެ. މި ޙާލަތުގައި ތެލުގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ.
ބަންގްލަދޭޝުން ބުނީ ކުރިއަށް އޮތް އެއް މަސް ދުވަހަށް ބޭނުންވާ މިންވަރަށް ޗައިނާއާއި އިންޑިޔާ މެދުވެރިކޮށް އެ ޤައުމުން މިހާރު ތެޔޮ ހޯދާފައިވާ ކަމަށެވެ. އަދި އިތުރު އެއް މަހަށް ބޭނުންވާ މިންވަރަށް ތެޔޮ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.
ބަންގްލަދޭޝުން ވަނީ ތެޔޮ ބޭނުން ކުރާ މިންވަރު މަދު ކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ގޮތުން އުޅަނދުތަކަށް ބޭނުންވާ ތެޔޮ ވިއްކާ މިންަވަރު ވަނީ ކޮންޓްރޯލް ކޮށްފައެެވެ. އަދި ޑީސެލް ވިއްކުމުގައި ވެސް ވަނީ ޚާއްޞަ އުސޫލުތަކެއް ޤާއިމްކޮށްފައެވެ. މި ޙާލަތުަގައި އެ ޤައުމުގެ ޔުނިވަސިޓީތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ގަޑިތަކުގައި ސަރުކާރުން ދަނީ ކަރަންޓުގެ ޚިދުމަތް ވެސް ކަނޑައިލަމުންނެވެ.
ތެޔޮ ބޭނުންކުރާ މިންވަރު މަދު ކުރުމަށް ސަރުކާރުން ކަރަންޓު ކެނޑުމުގެ ސަބަބުންނާއި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބަންގްލަދޭޝްގެ މައި އިޤްތިޞާދީ ދާއިރާއެއް ކަމަށްވާ ފޭރާން އުފެއްދުމުގެ ދާއިރާއަށް ވެސް ދަނީ އަސަރުކުރަމުންނެވެ. ޗައިނާއަށް ފަހު ދެވަނައަށް އެންމެ ގިނައިން ފޭރާން އުފައްދާ ޤައުމުގެ ގޮތުގައި އޮތް ބަންގްލަދޭޝުން ދަނީ ހަނގުރާމަ ފެށުނު ފަހުން ދުވާލެއްގެ މައްޗަށް ފަސް ވަރަކަށް ގަޑިއިރަށް ކަރަންޓު ކަނޑަމުންނެވެ. މި ވަގުތުތަކުގައި ފޭރާން އުފައްދާ ކާރުހާނާތައް ހިންގަނީ ޖަނަރޭޓަރު ހިންގައިގެން ކަމަށްވާއިރު، ޖަނަރޭޓަރު ހިންގުމަށް ބޭނުންވާ ޑީސެލްގެ އަގު ބޮޑުވުމުގެ ސަބަބުން އެ ގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް ކާރުހާނާތަކަށް ވަނީ ދަތިވެފައެވެ.