ވިޔަފާރި

523 ކުންފުންޏެއް އުވާލުމަށް ނިންމައިފި


ކުންފުނި އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް އުވާލުމަށް ކަނޑައެޅި ކުންފުނިތައް ޢާއްމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކުންފުނިތައް އުވާލުމާބެހޭ ޤަވާއިދުގެ ދަށުން އުވާލަން ނިންމާފައިވަނީ 523 ކުންފުންޏެއްކަމަށެވެ. އަދި މި ކުންފުނިތަކަކީ ޤަވާއިދާ އެއްގޮތަށް އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތަކަކަށްވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1979 ވަނަ އަހަރާއި 2001 ވަނަ އަހަރާ ދެމެދު ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އުވާލުމަށް ނިންމާފައިވާ ކުންފުނިތައް

މިނިސްޓްރީން ބުނީ އުވާލުމަށް ކަނޑައަޅާފައިވާ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންނަމަ، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އަންނަމަހުގެ 7 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ހުށަހެޅުމަށް ދަންނަވާކަމަށެވެ. އަދި އުވާލުމަށް ނިންމާފައިވާ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މައްސަލައެއް އޮތްނަމަވެސް، އަންނަމަހުގެ 7 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލުމުގެ ބާރު ރަޖިސްޓްރަރ އޮފް ކޮންޕެނީޒްއަށް ލިބޭގޮތަށް ދިވެހިރާއްޖޭ ކުންފުންޏާ ބެހޭ ޤާނޫނަށް މިދިޔަ އަހަރު ވަނީ އިސްލާޙެއް ގެނެސްފައެވެ. ޤާނޫނުގައި މިހާރު އޮންނަ ގޮތުން ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ނުހިނގާ ކުންފުނިތައް އުވާލުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް ލިބިދޭ ޙާލަތްތަކެއް އޮވެއެވެ. އެއީ

- ކުންފުނީގެ އަހަރީ ފީ އެ އަހަރެއްގެ މެއި މަސް ނިމުމުގެ ކުރިން ދައްކާފައިނުވުން،

- އެ ކުންފުނިން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް، އެ ކުންފުނި ރަޖިސްޓަރީކުރި ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ފާއިތުވާއިރު ނުކުރާ ކުންފުންޏެއް ކަމުގައިވުން،

- އެ ކުންފުންޏަކުން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ނުކުރާތާ 2 އަހަރު ދުވަސް ފާއިތުވެފައިވާ ކުންފުންޏެއް ކަމުގައިވުން،

- ކުންފުންޏެއްގެ އަހަރީ ޢާންމު ޖަލްސާ ބާއްވާތާ 15 ދުވަހުގެ ތެރޭގައި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓު ރެޖިސްޓްރާރ އަށް ހުށަނޭޅުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާގެ ފައިސާ، ކޮންމެ އަހަރެއްގެ ޖޫން 30ގެ ކުރިން ދައްކާފައިނުވާ، އަދި އެ މުއްދަތުގެ ތެރޭގައި އެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް ހުށަހަޅާފައިނުވާ ކުންފުންޏެއް ކަމުގައިވުން.

523 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ފާއިތުވި 22 އަހަރުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތަކާއި، އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓް ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.