އިންޓަރނެޓް އާއި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ޒުވާނުން ޓެރަރިސްޓް ޖަމާޢަތްތަކާއި ޓެރަރިސްޓް ޢަމަލުތަކަށް ރެކްރޫޓް ކުރުން ހުއްޓުވުމުގެ ގޮތުން ޔޫއެންއޯޑީސީއާ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގުޅިގެން ހިންގި މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.
"އިފެކްޓިވް ޕްރިވެންޝަން އެންޑް އިންޓަރވެންޝަން އޮފް ދަ ޔޫސް އޮފް އިންޓަރނެޓް އެންޑް ސޯޝަލް މީޑިއާ ބައި ޔަންގް އެޑަލްޓްސް ފޯ ޓެރަރިސްޓް ރެކެރޫޓްމަންޓް އިން ސައުތު އޭޝިޔާ" ގެ ނަމުގައި ބޭއްވި މި މަސައްކަތު ބައްދަލުވުމަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޒުވާނުން ހައްދުފަހަނައަޅައިދިއުމުގެ ފިކުރުތަކަށް ލެންބުމަށްކުރެވޭ މަސައްކަތްތައް ހުއްޓުވާ އެކަންކަމާއި މެދު އެޅި ދާނެ ފިޔަވަޅުތައް ދެނެގަތުމަށް ކުރިޔަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ.
މިމަސައްކަތު ބައްދަލުވުން ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިޔޯ ޔަނާއީ ވަނީ ހައްދުފަހަނަ އެޅުމާއި ޓެރަރިޒަމްގެ އަމަލުތައް ޤައުމުތަކުން ނައްތާލުމުގެ މުހިންމުކަން ފާހަގަކުރައްވައި ޖަޕާނުން އެފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ.
ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގައި ހުރި މިފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. ދިވެހިރާއްޖޭގެ 5 އިދާރާއެއްގެ އިތުރުން، ބަންގްލަދޭޝް އަދި ސްރީލަންކާގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭފުޅުން ބައިވެރިވި މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ހައްދުފަހަނަ އެޅުމާއި ޓެރަރިޒަމާއި ގުޅުން ހުންނަ މައްސަލަތައް ތަޙްޤީގުކުރުމާއި ގުޅޭގޮތުން މުހިންމު ތަމްރީނުތަކެއް ބައިވެރިންނަށް ދެވުނު ކަމަށާއި މުސްތަޤްބަލުގައި މިފަދަ ތަޙްޤީގުތައް ކުރިއަށްގެންދިއުމަށް ބައިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މައުލޫމާތުދެއްވިއެވެ.