ސިޔާސީ

ނަސަންދުރާގެ ޚިޔާނާތް 86 މިލިއަނަށް، އެކަމަކު ދަޢުވާއެއް ނުކުރޭ


ނަސަންދުރާ ހިންގުމަށް އެންޕީއެޗް އިންވެސްޓްމެންޓާއި ހަވާލުކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތުގެ މައްސަލާގައި ދައުވާކުރުމަށް އެސީސީން ފޮވުމުން އެ މައްސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ނިންމީ އެކަން އެގޮތަށް ކުރުމަށް ކުރީގެ ބަންޑާރަ ނާއިބު ލަފާ ދެއްވާފައިވާތީކަން "ޕީއެސްއެމް ނިއުސް"އަށް އެނގިއްޖެއެވެ.

ނަސަންދުރާ ޕެލަސް ހޮޓެލް ތަރައްޤީ ކުރުމަށް ކޮށްފައިވާ އެއްބަސްވުން އުވާލައި އެތަން މިހާރު ތަރައްގީ ކުރާ ކުންފުނި އެންޕީއެޗް އިންވެސްޓްމެންޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މުހައްމަދު މަިކުގެ ހިއްސާވާ ކުންފުންޏެކެވެ.

އެ ކުންފުންޏާއި މިތަން ހަވާލުކުރުމުގައި ހަވާލުކުރި ކުރުމުގައި ތުހުމަތުކުރެވޭ ޚިޔާނާތުގެ އަގު 86 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޓީކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދުނުނަމަވެސް ޕީޖީ އޮފީހުންވަނީ އެ މައްސަލާގައު ދައުވާ ނުކުރުމަށް ނިންމާފައެވެ. އެއްބަސްވުން ސައްހަކަމަށް ބުނެ ކުރީގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް ސޮއިކޮށް ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާކަން ޕީއެސްއެމްއަށް ވަނީ އެނގިފައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބެވެ.

އޭސީސީގެ ނާއިބު ރައީސް މުޢައްވިޒު ރަޝީދު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ އެމައްސަލާގައި ކޮރަޕްޝަނުގެ ޢަމަލު އެކުލެވިގެންވާ ކަމަށް ފެންނާތީ އެ މައްސަލާގައި ދަޢުވާ ކޮށްދިނުމަށް ޕީޖީއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ދަޢުވާ ކުރެވެން ނެތް ކަމަށް ޕީޖީން ބުނެފައިވާ ކަމަށާއި އެކަން އެގޮތަށް ކުރީ އޭރުގެ ބަންޑާރަ ނައިބު ދިން ލަފާގެ މަތިންކަމަށްވެސް މުއްއްވިޒު ވިދާޅުވިއެވެ.

މި މައްސަލައިގެ ތަފްޞީލީ މަޢުލޫމާތުތަކެއް އޭސީސީގެ 2018ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެ ރިޕޯޓްގައި ވަނީ ނަސަންދުރަ ޕެލަސް ހޮޓަލް ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ބަދަލުގައި "ޓޫރިސްޓު ރިސޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ފީނެގުމާއި ބެހޭ ގަވާއިދާއި" އެއްގޮތަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރިނަމަ ދައުލަތަށް 4.8 މިލިއަން ޑޮލަރު ލިބޭނެކަން ތަޙުޤީޤަށް ފާހަގަކުރެވޭ ކަމަށެވެ.

ސަރުކާރުން ބާއްވާ ބޮޑެތި ހަފްލާތަކާއި އިވެންޓްތައް ބޭއްވޭނެ ގޮތައް ނަސަންދުރަ ޕެލަސް ހޮޓަލް ހުރި ބިމާއި، ކުރީގެ އައިލެންޑް އޭވިއޭޝަންގެ އޮފީސް ހުރި ބިން ހިމެނޭ ގޮތަށް، ތަރައްޤީކުރުމަކީ ސަރުކާރުގެ ވިސްނުމެއްކަމަށް އޭރު ސަރުކާރުން ބުނެފައިވާއިރު އެ ދެ ބިން އެއްކޮށްލައި ބީލަމުގެ އުޞޫލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދިނަމަ ސަރުކާރަށް ލިބޭ މަންފާ ބޮޑުވާނެކަމަށްވެސް އެސީސީގެ ރިޕޯޓްގައިވެއެވެ. އޭސީސީން ވަނީ މި މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވާކަން، ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާކަމަންވެސް ހާމަކޮށްފައެވެ.

ނަސަންދުރާ ހެދުމަށް ހަވާލުކުރި ކުންފުނިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގާފައިނުވުމުން އެކަމުގެ ސަބަބުން ދައުލަތަށް އަށްލައްކަ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަން އެނގެން އޮތް ކަމަށްވެސް އޭސީސީން ބުނެއެވެ. އޭރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި އަބްދުﷲ ޒިޔަތެވެ.