ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އެވޯޑް 4 ދަރިވަރަކަށް، ހައި އެޗީވަރްސ ސްކޮލަރޝިޕް 46 ދަރިވަރަކަށް


މިދިޔަ އަހަރު އޭލެވެލް ނިންމި ހަތަރު ދަރިވަރަކު ރައީސުލްޖުމްހޫރިއްޔާގެ އެވޯޑު ހާސިލުކޮށް، 46 ދަރިވަރަކު ހައި އެޗީވަރސް ސްކޮލަރޝިޕް ޙާސިލުކޮށްފިއެވެ.

މި އެވޯޑާއި ސްކޮލަރޝިޕް ދިނުމަށް ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގަިއ ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އެވޯޑު ލިބުނު 4 ދަރިވަރުންނަށް އެވޯޑު ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން އެވެ.

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުން ދޭ ސްކޮލަޝިޕްތަކުގެ ޙަޤީޤީ މަޤުޞަދު ޙާޞިލްވެގެން ދާނީ، ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި އަދި ޤައުމު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެގެންކަމުގައި ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންވަނީ، ޖީސީއީ އޭލެވެލްއިން ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ އަދަދު ގިނަވާކަން ފާހަގަކުރައްވާފައެވެ. ތަޢުލީމީ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި ފަހަރު ހަވާލުކުރެވުނު ސްކޮލަޝިޕްގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އެވޯޑް ހާސިލްކުރި ކުދިންނަށް ބޭނުން ޤައުމަކުން ކިޔޭވޭއިރު، ހައި އެޗީވަރސް އެވޯޑްގައި ކިޔަވާ ދަރިވަރުންނަށްވެސް ފަހި ފުރުސަތުތަކެއް ސަރުކާރުން ހަމަޖައްސަވާދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައިވަނީ، ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުންނަކީ ބޭރު ޤައުމުތަކުގައި ދިވެހިރާއްޖެއާއި، ދިވެހި ސަޤާފަތް ތަމްސީލުކޮށްދޭ މަންދޫބުންކަމަށް ސިފަކުރައްވާފައެެވެ.

"މި ފަދަ ސްކޮލަޝިޕްގައި ދާކުދިންނަކީ ޤައުމުގެ މަންދޫބުން. ދިވެހި ސަޤާފަތާއި އާދަކާދައިގެ މަންދޫބުން. މި ފަދަ ކުދިން މި ކަންކަން އެންމެ ހެޔޮ ގޮތުގައި ރަމްޒުކޮށްދޭކަމެއް." ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިޔާގެ އެވޯޑް ލިބެނީ ޖީސީއީ އޭލެވެލް އިމްތިހާނުގައި ދިވެހި އިސްލާމް ހިމެނޭހެން 5 މާއްދާއިން އޭ ޕްލަސް ހާސިލްކުރާ ދަރިވަރުންނަށެވެ. އަދި ހައި އެޗީވަރސް ސްކޮލަޝިޕް ލިބެނީ ޖީސީއީ އޭލެވެލް އިމްތިހާނުގައި އިނގިރޭސި ދިވެހި އަދި އިސްލާމް ހިމެނޭހެން 5 މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށެވެ.

2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އެވޯޑް، އަދި ހައި އެޗީވަރސް ސްކޮލަޝިޕް ޙާސިލްކުރި ކުދިންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފައިވާއިރު، މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ލޯނު ދޫކުރުމުގައި ބަލާ އުސޫލު މުރާޖައާކޮށް އަލުން ލޯނަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ލޯނަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި 79 ފަރާތަކަށް ލޯނު ހަމަޖެހިފައިވާތީ މިހާރު ބާކީ ހުރީ 163 ޖާގަ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.