ސިޔާސީ

ޔާމީންއާއި ރިޟްވާންގެ މަރުގެ މައްސަލާގައި ޖުލައިމަހުގެ ނިޔަލަށް ފިޔަވަޅުއަޅަން ފޮނުވޭނެ- ސުޢޫދު


ރަހުމްކުޑަކޮށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދާއި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޝްވާންގެ މައްސަލަ ނިންމާ ޖުލައި މަހުގެ ނިޔަލަށް ދައުވާކުރަން ފޮނުވާނެކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ޙުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުޢޫދު މިހެން ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމަށް އެކުލަވާލާފައިވާ ބިލް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެ ކޮމިޝަންގެ މަސައްކަތްތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުންނެވެ.

މަރުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނުން ބަލަން ނިންމާފައިވާ 25 މައްސަލައިގެތެރެއިން ބައެއް މައްސަލަތަކުގެ ތަޙްޤީގު މިހާރު ނިމިފައިވާކަމަށާއި، ގިނަ މައްސަލަތަކުގެ "މޯޓިވް"އާއި ހަމައަށް ދެވިފައިވާކަމަށް ސުޢޫދު ވަނީ ކުރިން ވިދާޅުވެފައެވެ.

ސުޢޫދު ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ބިލް ރައީސް ތަސްދީޤު ކުރައްވައި ޤާނޫނީ ބާރު ލިބުން ވެގެންދާނީ ކޮމިޝަންގެ މައްސަކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއްލިބި އަވަސްވެގެންދާނެކަމެއް ކަމަށެވެ. އަދި ރަހުމްކުޑަކޮށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދާއި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޝްވާންގެ މައްސަލަ ޖުލައި މަހުގެ ނިޔަލަށް ނިންމާ ދައުވާކުރުމަށާއި، އެ މައްސަލާއާއި ގުޅިގެން އަޅަންޖެހޭ އެހެނިހެން ފިޔަވަޅުތައްވެސް ޖުލައި މަހުގެ ނިޔަލަށް އެޅޭނެކަމަށް ސުޢޫދު ވިދާޅުވި. އެ "ޓާގެޓަށް" މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ސުޢޫދު ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޔާސީ ކޮމިޝަންތަކުގެ ބިލް ވަނީ ކޮމިޓީ މަރުހަލާގައި ގިނަ ބަދަލުތަކެއް ގެންނަވާފައެވެ. ޚާއްޞަކޮށް އެ ކޮމިޝަންތަކަށް ދޭން ނިންމި ގިނަ ބާރުތަކެއް ކޮމިޓީން ވަނީ ނަގާފައެވެ. އަދި މަޖިލީހުން ފާސްކޮށްފައިވަނީވެސް އެ ބާރުތައް އިޢާދަނުކޮށެވެ. ނަމަވެސް ސުޢޫދު ވިދާޅުވީ، އެ ކޮމިޝަނުން ތަޙްޤީޤްކުރާ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާކުރުމުގެ ޖާގަ އެ ބިލުން ލިބިދޭކަމަށެވެ. އަދި ކޮމިޝަނުން ބަލާ މަރުތަކުގެ މައްސަލަތަކުގެ ގިނަ މަޢުލޫމާތުތަކެއް ޢާންމުކުރައްވާނެކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.

"ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ދައުވާކޮށް އަޅާންހުރި ފިޔަވަޅުތައް އަޅާން ޖުލައި މަހުގެ ނިޔަލަށް. އެއީ ދައުވާކުރުމަށާއި އަދި އެނޫންވެސް ފިޔަވަޅެއް އަޅަންޖެހޭކަމަށްވަންޏާ އެ ފިޔަވަޅުތަކެއް ޖުލައިމަހުގެ ނިޔަލަށް ނިންމާލެވޭތޯ މި ބަލަނީ އިނގޭތޯ. ބިލް ރައީސް ތަސްދީޤްކުރެއްވުމުން މީގެ ކުރިން ކުރިމަތިވި ދަތިތައް ފިލާ ވަރަށް ބޮޑުތަކުން އަވަސްވެގެންދާނެކަމަށް. އެއީ އެންމެ މުހިންމުކަމަކީ އިނގޭތޯ." މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވިއެވެ.

ސުޢޫދު ވިދާޅުވީ އެ ކޮމިޝަނުން މައްސަލަތައް ކުރިއަށްގެންދަނީ ވަކި ތަރުތީބެއްގެ ދަށުންކަމަށާއި، ރިޟްވާނާއި ޔާމީންގެ މައްސަލައަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވީނަމަވެސް އަދިވެސް ކުރަންހުރި މަސައްކަތް އެބަހުރިކަމަށެވެ. މަރާލާފައިވާ ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައަށްވެސް ކުރިއެރުންތަކެއް ހޯދި މަސައްކަތްތައް އަވަސްވެގެންދާނެކަމަށްވެސް ސުޢޫދު ވަނީ ވިދާޅުވެފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގެ މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުގައެވެ

މަރުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ޖުމްލަ 25 މައްސަލައެއް ތަޙްޤީގުކުރާއިރު، އޭގެތެރެއިން ބޮޑެތި ބައެއް މައްސަލަތަކުގެ ތަޙުޤީގު ނިމިފައިވާކަމަށް އެކޮމިޝަނުގެ ރައީސް އަލްއުސްތާޛް ހުސްނުއްސުޢޫދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.