ތަޢުލީމު

"ހުނަރުވެނި" ޓެލެންޓް ޝޯވގެ ސްޕޮންސަރަކަށް އެސްޓީއޯ


ސްކޫލްކުދިންނާއި ޒުވާނުންނަށް ޙާއްސަކޮށްގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބާއްވާ "ހުނަރުވެނި" ޓެލެންޓް ޝޯވގެ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޓިވެޓް އޮތޯރިޓީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމެވެ. އަދި އެސް.ޓީ.އޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީނިއަރ އެގްޒެކެޓިވް ސެކްރެޓްރީ މަރިޔަމް ޕަރްވީނެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު "ހުނަރުވެނި" ޓެލެންޓް ޝޯވއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހަޔަރ ސްޓޭޓް މިނިސްޓަރ ހާޝިމް ވިދާޅުވީ، މި ހަރަކާތަކީ ސްކޫލް ދައުރުންސުރެ ދަރިވަރުންނަށް ބޭނުންވާ އެކި ކަހަލަ ހުނަރާއި، ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރިކުރުވުމަށް ބޭނުންވާ ތަފާތު ހުނަރުތައް އެއް ޕްލެޓްފޯމަކުން ދައްކާލުމުގެ ބޭނުމުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. އަދި މި ހަރަކާތުގައި ސަރުކާރު ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި، ޖަމިއްޔާތަކާއި، އެން.ޖީ.އޯތައް ހިމެނޭހެން 40 ފަރާތަކުން ބައިވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ހާޝިމް ވިދާޅުވީ، މި ހަރަކާތުގެ ތެރެއިން ތަފާތު ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ރާއްޖޭގައި ހުރި ތަމްރީންގެ ފުރުޞަތުތަކާއި، ވަޒީފާގެ ފުރުޞަތުތަކާގުޅޭ މަޢުލޫމާތުވެސް ފޯރުކޮށްދެއްވިގެންދާނެކަމަށެވެ.

"މިއީ ސްކޫލް ކުދިންނާއި ޒުވާނުންނަށް ހުޅުވާލެވޭ ރަނުގެ ފުރުޞަތެއް.. އެކި ދާއިރާތަކަށް ބޭނުންވާ ހުނަރުތައް ދައްކާލެވޭނެ މި ޝޯވގެ ތެރެއިން.. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަން، އައިޓީ، އަތްތެރިކަމުގެ މަސައްކަތްތައް ފަދަ އެކި ދާއިރާތަކުން މައުލޫމާތުދެވޭނެ. ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އަޅުގަނޑުމެންގެ އެދުމެއް،" ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހާޝިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ ސީނިއަރ އެގްޒެކެޓިވް ސެކްރެޓްރީ މަރިޔަމް ޕަރްވީން ވިދާޅުވީ، ޒުވާނުންނާއި ގުޅުންހުރި މިފަދަ ހަރަކާތްތަކަށް އެކުންފުނިން އަބަދުވެސް ތަރުޙީބުދޭނެކަމަށެވެ. އަދި މިއީ މިވަގުތަށް ރާއްޖެއަށް ވަރަށް ބޭނުންތެރި ޝޯވއެއްކަމަށާއި، ވަޒީފާއަށް ނިކުންނަން ބޭނުންވެފައިތިބި ފަރާތްތަކަށް މުހިއްމު މަޢުލޫމާތުތަކެއް މި ޝޯވގެ ތެރެއިން ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

"ހުނަރު ތަރައްޤީކުރާ ޕްލެޓްފޯމްތައް މިހާރު ރާއްޖެއަށް ވަރަށް ބޭނުންވޭ.. މިކަހަލަ ކަންކަމުގައި މި ކުންފުނިން އަބަދުވެސް ބައިވެރިވެ، އެއްބާރުލުން ދޭނަން،" އެސް.ޓީ.އޯގެ ސީނިއަރ އެގްޒެކެޓިވް ސެކްރެޓްރީ ޕަރްވީން ވިދާޅުވިއެވެ.

"ހުނަރުވެނި" ޓެލެންޓް ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އަދި 24 ގައި ދަރުބާރުގޭގައެވެ. އެގޮތުން 23 ވާ އާދިއްދަ ދުވަހުގެ މެންދުރު 1 އިން ހަވީރު 6 އަކަށް އަދި ހޯމަ ދުވަހުގެ ހެނދުނު 9 އިން 12 އަށާއި، މެންދުރު 2 އިން ހަވީރު 6 އަކަށް، މި ޝޯވ ހާއްސަކުރާނީ ސްކޫލް ދަރިވަރުންނަށް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ދެ ދުވަހުގެވެސް ރޭގަނޑު ދަންފަޅި ކުރިއަށްދާނީ އާއްމުކޮށް ހުޅުވާލެވިގެންކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. "ހުނަރުވެނި" ޓެލެންޓް ޝޯވގެ ފުރަތަމަ ޝޯވ މާލޭގައި ބޭއްވުމަށް ނިންމާފައިވާއިރު، ޝޯވ އަތޮޅުތެރެއަށް ފުޅާކުރުމުގެ ވިސްނުންވެސް ގެންގުޅޭކަމަށާއި، މިއަހަރުގެ ތެރޭގައި އަތޮޅުތެރޭގެ ކޮންމެވެސް ރަށެއްގައި މި ޝޯވ ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.