ވިޔަފާރި

ޓޫރިޒަމަށް އިތުރު ރަށްތަކެއް ދޫކުރުމަށް ލިސްޓެއް އެކުލަވާލައިފި


ޓޫރިޒަމްގެ ބޭނުންތަކަށް އިތުރު ރަށްތަކެއް ދޫކުރުމަށް ރާއްޖޭގެ 6 ސަރަޙައްދަކުން ރަށްތަކެއް ހޮވާލާ، ލިސްޓެއް ތައްޔާރުކުރުމަށްފަހު މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެެއްޖެއެވެ.

ރާއްޖޭގައި އިތުރު 35،000 އެނދު ތަރައްޤީކުރުމަކީ މި ސަރުކާރުގެ ވަޢުދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ލިސްޓު އެކުލަވާލުމުގައި ކަމާއި ގުޅުންހުރި ފަރާތްތަކުގެ ޙިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށެވެ. އަދި މި ލިސްޓުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ރިސޯޓް ތަރައްޤީކުރާނެ ރަށްތައް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހުރިހާ މިނިސްޓްރީއަކާއި އެކު އިށީދެގެން އެއްބަސްވެވުނު ލިސްޓެއް މިހާރު މިވަނީ ރައީސް އޮފީހަށް ފޮނުވާފައި، ރައީސުލްޖުމްހުރިއްޔާ ކަނޑައަޅުއްވާނީ ރިސޯޓުގެ ގޮތުގައި ތަރައްޤީކުރާނެ ރަށްތަށް، އެއަށްފަހު ރަށްތަށް ދޫކުރާނީ އޮޕަން ބިޑް އުސޫލުން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، ފަތުރުވެރިކަމަށް ރަށްތަށް ދޫކުރުމުގައި ބޮޑަށް އިސްކަންދޭނީ މިހާރު ޓޫރިޒަމް މާބޮޑަށް ތަރައްޤީވެފައިނުވާ އަތޮޅުތަކަށް ޓޫރިޒަމް ފުޅާ ކުރުމަށް ކަމަށެވެ. އަދި ޓޫރިޒަމަށް ރަށްތަށް ދޫކުރުމުގައި ރައްޔިތުން ގެ ޙިޔާލުވެސް މުޙިއްމުކަމަށާއި އަދި ތިމާވެއްޓަށް އޭގެ ސަބަބުން އަންނާނެ ގެއްލުމަކަށްވެސް ވިސްނާކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ރިސޯޓެއް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ގއ.އޮޑެގައްލާއަކީ ތިމާވެށީގެ ގޮތުން ރިސޯޓެއް ތަރައްޤީކުރަން އެންމެ އެކަށޭނަ ރަށެއް ކަމަށް ޤަބޫލް ނުކުރެވޭތީ، އެރަށުގެ ބަދަލުގައި އެހެން ރަށެއް ހަމަޖެއްސޭތޯ ބަލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ރާއްޖޭގައި ހުޅުވާ ރިސޯޓްތަށްވެސް ދަނީ އިތުރުވަމުންނެވެ.