ވިޔަފާރި

ޑިއުޓީ ފްރީއަށް އިންޓަރނޭޝަނަލް 3 ބްރޭންޑެއް ތަޢާރަފްކޮށްފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީއަށް އިންޓަރނޭޝަނަލް ތިން ބްރޭންޑެއް ތަޢާރަފްކޮށްފިއެވެ.

ޑިއުޓީ ފްރީއަށް ތަޢާރަފްކޮށްފައިވަނީ މޭކަޕްގެ މަޝްހޫރު ދެ ބްރޭންޑްކަމަށްވާ "މެކް ކޮސްމެޓިކްސް" އަދި "ޓޮމް ފޯރޑް ބިއުޓީ"ގެ އިތުރުން ސެންޓުގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ "ޖޮ މެލޯން ލަންޑަން"އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިބްރޭންޑުތައް ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞޯލިޙް އަދި މި ބްރޭންޑުތައް ހިންގާ މައި ކުންފުނި އެސްޓީ ލޯޑަރ ޓްރެވެލް ރީޓެއިލިންގ އިންކްގެ ރީޖަނަލް މެނޭޖަރ ރީޓެއިލް އޮޕަރޭޝަންސް، ލުއީސާ ފޭގަންއެވެ.

"މެކް ކޮސްމެޓިކްސް" "ޓޮމް ފޯރޑް ބިއުޓީ" އަދި "ޖޮ މެލޯން ލަންޑަން" އަކީ 'އެސްޓީ ލޯޑަރ ޓްރެވެލް ރީޓެއިލިންގ އިންކްގެ ދަށުން ހިންގަމުންދާ ކޮސްމެޓިކްސްގެ ތިން ބްރޭންޑެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނަރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ ރާއްޖޭގެ ޑިއުޓީ ފްރީ ފިހާރަތަކަކީ މިސަރަޙައްދުގައިވެސް މަޤްބޫލު ފިހަރާތަކެއްކަމަށެވެ. އެހެންކަމުން، އައު ބްރޭންޑްތަކެއް އެއާޕޯޓަށް އައުމަކީ އެއާޕޯޓަށް ލިބުނު ބޮޑު ކުރިއެރުމެއްކަމުގައި ދެކޭކަމަށް އަރީފް ވިދާޅުވިއެވެ.

އެއާޕޯޓުގެ ޑިއުޓީ ފްރީއަށް ތިން ބްރޭންޑް ތަޢާރަފްކޮށްފައިވާއިރު މިހާރުވެސް އެއާޕޯޓުގެ ޑިއުޓީފްރީގައި އިންޓަރނޭޝަނަލް ގިނަ ބްރޭންޑްތަކެއް ވިއްކަމުންދެއެވެ.