ސިޔާސީ

ކަލައިދޫ ކައުންސިލުން ޤަވާއިދާ ޚިލާފަށް ގަސްތަކެއް ވިއްކި މައްސަލައެއް ބަލަނީ


އީޕީއޭގެ ހުއްދަނެތި ލ.ކަލައިދޫއިން ގިނަ ޢަދަދެއްގެ ގަސްތަކެއް ނަގާ ވިއްކި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން ވިދާޅުވީ، ކަލައިދޫ ބަނދަރުގައި އޮތް ބޯޓަކަށް ޤަވާއިދާއި ޚިލާފަށް ނަގާފައިހުރި ކިނބި ގަސްތަކެއް އަރުވާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭކަމަށެވެ. އެކަމުގެ މަޢޫލޫމާތު ލިބުމުން ފުލުހުންގޮސް ބެލިބެލުމުން ވިހި ފޫޓްގެ ކިނބި ގަސްތަކެއް ބޯޓަކަށް އަރުވާފައި ހުއްޓާފެނިފައިވާކަމަށާއި، އެ ގަސްތައް އިއްޔެގެ ވަގުތެއްގައި އެބޯޓުން ބޭލުމަށްފަހު ފުލުހުން އެ ގަސްތައް ނަގާފައިހުރިތަނުގައި އަލުން އިންދާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ވިދާޅުވީ އެރަށު ކައުންސިލުން ޤަވާއިދާއި ޚިލާފަށް ސާޅީހަކަށް ގަސް ނަގާފައިވާކަމަށެވެ.

އެ ގަސްތަކަކީ އީޕީއޭގެ ހުއްދަނެތި ކަލައިދޫ ކައުންސިލުން ދިހަ ރުފިޔާގެ މަގުން ވިއްކާފައިވާ ގަސްތަކެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާއި ގުޅިގެން ކަލައިދޫ ކައުންސިލްގެ ރައީސްއާއި ސުވާލުކުރުމުން އެރަށުން ގަސް ނަގެމުގައި އީޕީއޭއަށް ނޭގޭނެކަމަށާއި، އެއީ މަގެއް ހެދުމަށް ނަގާފައިވާ ގަސްތަކެއްކަމަށް ބުނެފައިވާކަމަށެވެ. އަދި ކަލައިދޫއިން ބޮޑެތި ގިނަ ޢަދަދެއްގެ ގަސް އީޕީއޭގެ ހުއްދަތެނި ނަގާ ވިއްކާފައިވާއިރު، ފަހަކަށް އައިސް ބައެއް ރަށްރަށުން ރުއްގަސް ޤަވާއިދާއި ޚިލާފަށް ނަގާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި ބައެއް ރަށްރަށުން ރުއްގަސް ބޭރުގެ ކުންފުނިތަކަށް ވިއްކާ މައްސަލަތައްވެސް ފެންމަތިވެ ސަރުކާރުން ފިޔަވަޅު އަޅާފައިވެއެވެ.