ކުޅިވަރު

އައިއޯއައިޖީގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން ރާއްޖެ އައުމަށް ހަމަޖެހިއްޖެ


2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށްޓަކައި ރާއްޖޭގައި ކުޅިވަރު ކުޅޭނެ ތަންތަނާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ހުރި މިންވަރު ދެނެގަތުމަށް އައިއޯއައިޖީގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގައި 2023 ގެ އައިއޯއައިޖީ ބޭއްވުމަށް ބިޑް ކުރުމަށްވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޔޫތް މިނިސްޓަރ އަހުމަދު މަޙުލޫފްއާއި އޮލިމްޕިކް ކޮމިޓީން އިއްޔެ ވަނީ ޔޫތް މިނިސްޓްރީގައި ބައްދަލުވުމެއް ކުރިޔަށްގެންގޮސްފައެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ 2023 ގެ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ބިޑް ތައްޔާރުކުރާނެ ގޮތާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ މަރްޒޫގް އަހުމަދު ވިދާޅުވީ، 2023 ގައި އޮންނަ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ގޭމްސް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުގެ އެއްބާރުލުން އޮތް މިންވަރާއި، ކުޅިވަރު ކުޅޭނެ ތަންތަނާއި ކުޅިވަރު ވަސީލަތްތައް ހުރި މިންވަރު ބެލުމަށް އައިއޯއައިޖީގެ ޓީމެއް އަންނަ މަހުގެ 3 އިން 6 އަކަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ގޭމްސް އަކީ ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅިވަރު ހަރަކާތެކެވެ. އެގޮތުން ރާއްޖެ އަށް ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް މުބާރާތެއްގައި ލިބުނު ފުރަތަމަ ރަން މެޑަލް ދުވުންތެރިޔާ ހަސަން ސާއިދު ހޯދީ 2015 ވަނަ އަހަރުގެ ގޭމްސްގައި 100 މީޓަރު ދުވުމުންނެވެ. މީގެ އިތުރުން ބެޑްމިންޓަނާއި ޓޭބަލް ޓެނިހުން ވެސް ވަނީ މި ގޭމްސްގައި މެޑަލްތަކެއް ހޯދައިފައެވެ.