ޚަބަރު

ސަފީރުންގެ މަސައްކަތަކީ ޕާސްޕޯޓް ހަދައިދިނުން އެކަންޏެއް ނޫން - ޑރ.ފަރަހަނާޒް


އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީން ރާއްޖޭގެ ސްކޫލްތަކަށް ފޮތް ހަދިޔާކުރައްވައިފިއެވެ.

އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން ސްކޫލްތަކަށް ފޮތް ހަދިޔާކުރެއްވީ ސަފީރު ޑރ.ފަރްހަނާޒް ފައިސަލެވެ. މިފޮތްތަކާ ޙަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ. ފޮތް ހަދިޔާ ކުރައްވައި ވާހަކަދަފުޅު ދައްކަވަމުން ޑރ.ފަރްހަނާޒް ވިދާޅުވީ އެމްބަސީގެ ފަރާތުން މިނިސްޓްރީތަކާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ބޭނުންވާ އެހީތަކާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވަމުން ދާކަމަށެވެ. އަދި ބޭރުގެ ގުޅުންތައް ބަދަހި ކުރުމުގެ އިތުރުން ރާއްޖޭގެ އެތެރޭގެ އެކި ކަންކަމަށް އެހީތެރިވުމަކީވެސް އެމްބަސީތަކުގެ މުހިންމު ދައުރެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ޑރ.ފަރްހަނާޒް ވިދާޅުވީ ފޮތް ކިއުމަކީ ކުދިންގެ ސިކުނޑި އެކި ދާއިރާތަކަށް ހުލުވާލައި އެކި ތަފާތު މަޢުލޫމާތު އުނގެނުމަށް ފުރުޞަތުފަހިވެގެންދާ ކަމެއްކަމުން މިއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ފޮތް ހަދިޔާކުރި ފުރަތަމަ ފަހަރު ނަމަވެސް، ކުރިއަށް އޮތްތާންގައި މިމަސައްކަތް ސިލްސިލާކޮށް ކުރިއަށްގެންދާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

"ސަފީރުންނަކީ ހަމައެކަނި ޕާސްޕޯޓް ހެދުމަށް އެހީވާން ތިބި ބައެއް ނޫން. ތަޢުލީމީ، ސިއްޙީ މިދާއިރާތަކުންވެސް އެކި ފެންވަރުގައި އެކި ކަހަލަ އެހީތެރިކަން ދެވިދާނެ." ޑރ.ފަރަހަނާޒް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ އެކި ރަށްތަކަށް ކުރި ދަތުރުތަކުގައި ސްކޫލްތަކުގެ ލައިބްރަރީގައި ފޮތް ނުހުންނަކަށް ވަރަށް ބޮޑަށް ފާހަގަވެފައިވާކަމަށެވެ.

"ބައެއް ރަށްތަކުގައި ލައިބްރަރީ ފޮތް ހަރުގަނަޑުތައް ހުރީ ހުސްކޮށް. މިލިބުނު ފޮތްތައް ފޮނުވާނީ އެންމެ މަދުން ފޮތް ހުރި ސްކޫލްތަކަށެވެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަކީ ފޮތްކިޔާ ބަޔަކަށް ހެދުމަށް، ކުދިންގެ ޝައުޤު އުފެއްދުމަށް އެކި ޕްރޮގްރާމްތަކުގެ ތެރެއިން މަސައްކަތް ކުރައްވަމުންދާކަަމަށެވެ.