ދީން

ރަމަޟާން މަހަށް މާލެއާ އަތޮޅު ތެރޭގެ މިސްކިތްތައް މަރާމާތު ކުރަނީ


އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް، މާލެއާ އަތޮޅު ތެރޭގެ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ހާމަކުރައްވައިފިއެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ މުޙައްމަދު ދީދީ ވިދާޅުވީ، ރޯދަމަހާ ދިމާކޮށް މާލެއާ އަތޮޅު ތެރޭގެ މިސްކިތްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ. ދީދީ ވިދާޅުވީ، މާލޭ، ހުޅުމާލެ، އަދި ވިލިމާލެ ހިމެނޭ ގޮތަށް ތިރީސް ހަތަރު މިސްކިތެއް އެބަހުރި ކަމަށާއި މީގެ ތެރެއިން ބައެއް މިސްކިތްތަކުގައި ކުދި ކުދި މަރާމާތު ކުރަން ހުރިއިރު، ބައެއް މިސްކިތްތަކުގައި ބޮޑެތި މަރާމާތު ކުރަން އެބަހުރި ކަމަށެވެ. އަދި އެކަމަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.މީގެ އިތުރުން އަތޮޅު ތެރެއިންވެސް މިސްކިތްތައް މަރާމާތުކުރުމަށް އެދެމުންދާ ކަމަށާއި އެކަމަށް އަށާވީސް މިލިއަން ރުފިޔާގެ ބަޖެޓެއް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން  މައުލޫމާތު ދެއްވައެވެ.