ކުޅިވަރު

ދެކުނު ކޮރެއާގެ ގައުމީ ބެޑްމިންޓަން ޓީމްގެ ކުރީގެ ކޯޗް މާލެ އަތުވެއްޖެ


ލަންޑަން އޮލިމްޕިކްސްގައި 2012 ވަނަ އަހަރު ދެކުނު ކޮރެއާގެ ޤައުމީ ބެޑްމިންޓަން ޓީމަށް އިރުޝާދުދިން ކޯޗު ސުން ހަން ކުކް ރާއްޖޭގެ ބެޑްމިންޓަން ޓީމާއި ހަވާލުވުމަށް ރާއްޖެ އަތުވެއްޖެއެވެ.

ކޯޗް ސުން ހަން ކުކްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމް ތައްޔާރުވާނީ އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށެވެ. މިރޭ ރާއްޖެއައިސްފައިވާ ތަޖްރިބާކާރު ކޯޗް ސުން ހަން ކުކް ވަނީ ދެކުނު ކޮރެއާގެ އެންމެ މަތީ ފަންތީގެ ކުލަބްތަކަށާއި ޤައުމީ ޓީމަށް ކުޅެ، ޤައުމީ ޓީމަށް ކޯޗްކަންވެސް ކޮށްދީފައެވެ. މޮރިޝަސްގައި އަންނަ މަހުގެ 19ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އައިއޯއައިޖީއަށް ތައްޔާރުވުމަށް ޤައުމީ ބެޑްމިންޓަން ޓީމް މީގެ ކުރިން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ދެ ކޯޗުން ކަމަށްވާ ނިޝާންތު ކައުތޭކަރު އާއި އަބްދުﷲގެ ބެލުމުގެ ދަށުންނެވެ.

ދެކުނު ކޮރެއާގެ ގަޤައުމީ ބެޑްމިންޓަން ޓީމްގެ ކުރީގެ ކޯޗް ސުން ހަން ކުކްގެ ބެލުމުގެ ދަށުން ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމް 25އަށް ވުރެއް ގިނަ ދުވަހުގެ ތަމްރީން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ޤައުމީ ބެޑްމިންޓަން ޓީމްގެ ޖެނެރަލް ސެކެޓްރީ އިޝްފާން މުޙައްމަދު ބުނީ މިއީ އައިއޯއައިޖީގައި މެޑަލް ހޯދުމަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށާއި ސައުތު ކޮރެއާ ފަދަ ބެޑްމިންޓަންގައި ކުރިއަރާފައިވާ ޤައުމްއެއްގެ ޤައުމީ ޓީމަށް ކޯޗްކޮށްދީފައިވާ ކޯޗްއެއްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމަކީވެސް ޓީމަށް ލިބިގެންދާނެ އިތުރު ހިއްވަރެއްކަމަށެވެ.

ކޯޗްގެ އިތުރުން ދެކުނު ކޮރެއާގެ އެންމެ މޮޅު އެއް ޔުނިވަރސިޓީގެ 4 ކުދިން ރާއްޖެއައިސް ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިމަހުގެ 23 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 2 އަންހެން ކުޅުންތެރިންނާއި 2 ފިރިހެން ކުޅުންތެރިންނެވެ. މި 4 ކުޅުންތެރިން ރާއްޖެ އައިސް ޤައުމީ ޓީމްގެ ކުޅުންތެރިންނާއެކު ތަމްރީން ކުރުމުގެ އިތުރުން ރަހުމަތްތެރިކަމުގެ މެޗްތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ.

ފްލީޓް މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއަރވަނީ ލޯ މެޑަލް ހޯދާފައެވެ.

2014 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ބެޑްމިންޓަން އަންހެން ޓީމްވަނީ ލޯ މެޑަލް ހޯދާފައެވެ. މި އަހަރު ޤައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ވަނީ މާލޭގައި އިންޑިއާގެ ޓޮސް އެކެޑަމީގެ ކުޅުންތެރިންނާ އެކުވެސް މެޗުތަކެއް ކުޅެފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުންވަނީ މިހާރުގެ ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފް، އެއްވެސް ކުޅިވަރެއް ތަފާތު ކުރުމެއްނެތި، ކުޅިވަރުތައް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.