ވިޔަފާރި

ނައިޓް މާކެޓްތައް މާލެ ސިޓީގައި ބޭއްވޭނެ ދުވަސްތައް ކަނޑައަޅައިފި


ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބޭއްވޭނީ ވަކި އަހަރުގެ ވަކި ދުވަސްތަކެއްގައިކަމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގެ މާލެ، ވިލިމާލެ، ހުޅުމާލޭގައި ބޭއްވުމަށް ހުއްދަ ދޫ ކުރުމަށް ހަމަޖެހިފައިވަނީ އަޟްހާ ޢީދުދުވަސް، ފިތުރު ޢީދުދުވަސް، ރާއްޖެއިސްލާމްވީ ދުވަސް، ކީރިތިރަސޫލާގެ ޢީދުމީލާދު ދުވަސް، މިނިވަން ދުވަސް، ޤައުމީ ދުވަސް، ޖުމްހޫރީ ދުވަސް، މީލާދީއާއަހަރުފެށޭ ދުވަސް، ހިޖްރީ އާއަހަރުފެށޭ ދުވަސް، މަސައްކަތްތެރިންގެ ދުވަސް، ނަސްރުގެ ދުވަސް، އަދި ޝަޢުބާން މަހުކަމަށެވެ.

ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު މާލެ ސިޓީގައި ބޭއްވުމުގެ ހުއްދަދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވަން ބޭނުންވާ ފަރާތްތަކުން މާލެ ސިޓީ ކައުންސިލަށް ފޯމް ހުޅަހަޅަންޖެހެއެވެ. އަދި ހުއްދައަށް އެދޭ ފޯމް މާލެ ސިޓީކައުންސިލުން ލިބެން ހުންނާނެކަމަށް އެކައުންސިލުން ބުނެއެވެ.

ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްދުވަހުގެ ހެނދުނު 10:00 ން 13:00 އަށް މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުންނެވެ.

މާލޭގައި ނައިޓްމާކެޓް ބޭއްވޭނެ ދުވަސްތައް މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ވަނީ ފެއަރ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ގެޒެޓްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ މިއުސޫލަކީ އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، ގަނެ ވިއްކުމުގެ ވިޔަފާރީގެ ކަންތައްތައް ބަލަހައްޓާއި ރެގިއުލޭޓްކުރުމަށްޓަކައި އެކުލަވާލާފައިވާ އުސޫލެކެވެ. މިއުސޫލުގެ ދަށުން ރާއްޖޭގައި ބާއްވާ ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރުތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރަތަކުގައި ނުވިކި ހުންނަ މުދާކަމަށްވެސް ވަނީ ކަނޑައަޅައިފިއެވެ.