ސިޔާސީ

ވަކި ޗެނަލްތަކަކަށް އަމާޒުކޮށް ފިޔަވަޅު އެޅިން - ބްރޯޑްކޮމް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަކި ޓީވީ ޗެނަލެއް ބަންދުކުރުމަށާއި، ވަކި ޗެނަލްތަކަކަށް އަމާޒުކޮށް ޖޫރިމަނާކުރުކަމަށް ނިންމިކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން އިއުތިރާފެވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާގެ ކޮމެޓީން ވަނީ މިއަދު ބްރޯޑްކާސްޓިން ކޮމިޝަން އެ ކޮމެޓީއަށް ހާޒިރުކޮށް ގިނަ ސުވާލުތަކެއްކުރިމަތިކުރުވާފައެވެ. ބްރޯޑްކޮމްގެ މެންބަރުން ވަނީ މިދިޔަ މަޖިލީހުގެ މެންބަރުން ފޯނުން ގުޅުއްވާ ވަކިގޮތަކަށް ޢަމަލުކުރުމަށް އެންގިކަމަށް އެއްބަސްވެ އިއުތިރާފުވެފައެވެ.

މުޅި ކޮމިޓިގެ ބައްދަލުވުން ފެނިގެންދިޔައީ ބްރޯޑްކޮމްގެ ރައީސް މުޙައްމަދު ޝަހީބާއި ކޮމިޝަންގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުން ބޮޑު ބައްދަލުވުމެއްގެ ގޮތުގައެވެ. ކޮމިޓީގެ މެންބަރުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ބްރޯޑްކޮމްގެ ރައީސް މުޙައްމަދު ޝަހީބް ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރި ދުވަސްވަރު ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީ ބަންދުކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެ ކޮމިޝަންގެ މެންބަރުންނަށްް އެންގެވިކަމަށެވެ.

ޝަހީބް ވިދާޅުވީ، ބައެއް ޗެނަލްތަކަށް އަމާޒުކޮށް ކޮމިޝަންގެ މެންބަރުން އަމިއްލަފުޅަށް ގިނަ މައްސަލަތަކެއް ކޮމިޝަނަށް ހުށައަޅުއްވާފައިވާކަމަށާއި، އޭރު ޢަމަލުކުރަމުން އައި އަބުރުގެ ޤާނޫނުގެ ދަށުން ވަކި ޗެނަލްތަކެއް ޖޫރިމަނާކުރުމަށް މަސައްކަތްކޮށްފައިވާނެކަމަށެވެ. އަދި ކޮމިޝަންގެ ބައްދަލުވުންތަކަށް ޙާޒިރުވާ މެންބަރުން ވަކިގޮތަކަށް އަމަލުކުރުމަށް ޕީޕީއެމްގެ އިސް ފަރާތްތައް އަންގަމުން ގޮސްފައިވާކަމަށްވެސް ބްރޯޑްކޮމްގެ ރައީސް މުޙައްމަދު ޝަހީބް އެއްބަސްވެޑައިގެންނެވިއެވެ.

"ބޭރުން ކޮމިޝަނަށް ހުށައަޅާ މައްސަލަތަކަށްވުރެ ބޮޑަށް ކޮމިޝަންގެ މެންބަރުން އަމިއްލައަށް މައްސަލަ ހުށައަޅުއްވާފަ ހުރީ. އޭރު ވަކިބަޔަކަށް އަމާޒުކޮށް އަބުރުގެ ޤާނޫނުގެ ދަށުން ޖޫރިމަނާކޮށްފައިވަނީ. ވަކި ޗެނަލްތަކެއް ފަހަތުން ކޮމިޝަން ދުވުން އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ދެރަކޮށް ވެފައިވާކަމެއް." ނޫސްވެރިކަމުގެ ދާއިރާގައި 25 އަހަރު މަސައްކަތްކޮށްފައި ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވިއެވެ.

ޝަހީބް ވަނީ އެ ކޮމިޝަނުން ނިންމާފައިވާ ނިންމުންތަކަކީ އެންމެ އިންސާފުވެރި ނިންމުންތަކެއް ނޫންކަމަށްވެސް އިއުތިރާފުވެފައެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ކޮމިޓީގެ މެންބަރުންވަނީ ކޮމިޝަންގެ އެއް މެންބަރަކު އަނެއް މެންބަރަކު ފަޟީހަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އަދި ބްރޯޑްކޮމް އިން މިހާތަނަށް ނިންމާފައިވާ ނިންމުންތަކާއި، ކޮށްފައިވާ ޖޫރިމަނާތަކާއި ޔައުމިއްޔާތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޙިއްސާކުރެއްވުމަށް މަޖިލީހުގެ މުޤައްރިރު އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެ ކޮމިޝަނަށް އަންގަވާފައެވެ. ކޮމިޓީގެ ބައްދަލުވުން ނިންމާލާފައިވަނީ ބްރޯޑްކޮމްގެ މެންބަރުން އަދިވެސް އެ ކޮމިޓީއަށް ޙާޒިރުކުރުމަށާއި، އެ ކޮމިޝަންގެ މެންބަރުން ދެއްކެވި ވާހަކަފުޅުތަކާމެދު ކޮމިޓީގެ ކުރިއަށް ހުރި ބައްދަލުވުމުގައި ގޮތެއް ނިންމާނެކަމަށް ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުގައި ބްރޯޑްކޮމުން ވަނީ އޭރުގެ ސަރުކާރާއި ދެކޮޅު ހަބަރުތައް ގެނެސްދިން ޓީވީތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ. އެހެންނަނަމަވެސް ސަރުކާރަށް ތާއީދުކޮށް ހަބަރުތައް ގެނެސްދިން ޗެނަލްތަކުން އިދިކޮޅު ފަރާތްތަކުގެ އަބުރާއި ބެހި އެތައް ހަބަރުތަކެއް ގެނެސްދިންނަމަވެސް އެ ޗެނަލަތަކަށް އެއްވެސް ފިޔަވަޅެއް އެ ކޮމިޝަނުން އަޅާފައެެއްނުވެއެވެ.