ވިޔަފާރި

ޑިއުޓީ އުނިކޮށްފައިވާ ޑީސަލް މަސްވެރިންނަށް ވިއްކުމަށް ތައްޔާރުވެއްޖެ


ޑިއުޓީ މަޢާފްކޮށްފައިވާ ޑީސަލް މަސްވެރިކަންކުރާ މަސް ދޯނިފަހަރަށް ވިއްކުމަށް ފަށާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ކަނޑައަޅާފައިވާތީ އެކަން ތަންފީޒުކުރުމަށް އެކުލަވާލާފައިވާ އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ އާންމުކޮށްފައެވެ.

މި އުޞޫލުގެ ދަށުން، ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުނޅަދުތަކަށް އެކަންޏެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށްވާތީ، އެޕްލިކޭޝަން ޓެސްޓުކުރުމުގެ މަސައްކަތް މިހިނގާ ޖޫންމަހުގެ ތެރޭގައި މިފްކޯއާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ރާވާފައެވެ.

އެޕްލިކޭޝަން ޓެސްޓުކުރުމަށްފަހު، ޑިއުޓީ އުނިކޮށްފައިވާ ޑީސަލް މަސްވެރި އުޅަނދުތަކަށް ދޫކުރުމުގެ ޕްރޮގްރާމް އާންމުކޮށް ހުޅުވާލެވޭނެ ކަމަށާއި މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ، ޑީސަލް ސަޕްލައިކުރާ ފަރާތްތަކުން އެ މިނިސްޓްރީން ދޫކުރާ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، މިނިސްޓްރީއަށް ހުށަހެޅަން ޖެހެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މަސްވެރި އުޅަނދުފަހަރު، މަސްވަރިކަމުގެ ލައިސަންސް ނެންގުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިފައެވެ. އެޕްލިކޭޝަން ފޯމާއި ލައިސަންސް އަށް އެދޭފޯމް މިމިނިސްޓްރީގެ ވެބް ސައިޓުންނާއި ރަސްމީގަޑިތަކުގައި މިނިސްޓްރީން ލިބެން ހުންނާނެއެވެ.