ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
ކްލަބް ގްރީން ސްޓްރީޓްސް އާއި ބައްދަލުކުރި މިމެޗު މާޒިޔާ ކާމިޔާބުކުރީ 3 - 1. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ ކުރީކޮޅު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ހަސަން ނާއިޒް، ދާދު އެވެ. މިލަނޑު ދާދު ކާމިޔާބުކޮށްދިނީ މާޒިޔާއަށް ލިބުނު ކޯނަރެއް އޭރިއާތެރެއިން ކެޕްޓަން އަސަދުﷲ އަބްދުﷲ ބޮލުން ފަހަތަށް ޖައްސާލުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ އެކެއް ސުމަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި ކްލަބް ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދަށް ވަނީ ވަރަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ. ގްރީންގެ ކަނާތް ފަޅިން ނަގައިދިން ހުރަސް އަހުމަދު ރަޝީދު ބޮލުން ކުރިއަށް ފޮނުވާލިނަމަވެސް ބޯޅަ ދިއައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މީގެއިތުރުން އޭރިއާ ކައިރިން ލިބުނު ހިލޭޖެހުމަކުން އުމެއިރު ވަނީ މާޒިޔާ ގޯލަށް ނުރައްކާކޮށްފައެވެ. އެމެއިރު ފޮނުވާލި ބޯޅަ އެރީ މާޒިޔާ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފްގައި މާޒިޔާގެ ދެވަނަ ލަނޑު ޖަހައިދިނީ ހަމްޒާ މުހައްމަދެވެ. މިލަނޑަކީ އިބްރާހިމް މަހުދީ ހުސެއިން ތަނަވަސްކޮށްދިން ފުރުސަތަކުން ހަމްޒާ ހުސްކޮށްހުރެ ކާމިޔާބުކުރި ލަނޑެކެވެ.
ފަރަގުއަލުން އެއް ލަނޑަށް ގްރީންއަށް ކުޑަކޮށްދިނީ ޑިފެންޑަރު މުހައްމަދު ސައިފެވެ. މިލަނޑު ގްރީންއިން ޖަހާފައިވަނި ލިބުނު ކޯނަރަކުންނެވެ.
ގްރީންގެ ލަނޑަށްފަހު މާޒިޔާ ވަނީ ކޮށްޓިގޮތަށް ބޯޅަ ހިފައިގެންގޮސް ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މާޒިޔާގެ ތިން ވަނަ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދި އިބްރާހިމް މަހުދީ ހުސެއިންއެވެ.
މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބިފައެވެ. މިގޮތުން މެޗު ނިމެންދަނިކޮށް މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށާއި ގްރީން ސްޓްރީޓްސްގެ މުހައްމަދު އުމެއިރުއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.