ވިޔަފާރި

ބޭންކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވަނީ - ސަމާލުވޭ!


ބޭންކް އޮފް މޯލްޑިވްސް އާއި އެހެނިހެން ކުންފުނިތަކާއި އެކި އިދާރާތަކުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެދި، ކާޑުގެ މަޢުލޫމާތާއި ސެކިޔުރިޓީ ކޯޑާއި ޕިން ނަންބަރު ހޯދުމަށް މަސައްކަތް ކުރުން އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލުން ނެރެނު ބަޔާނެއްގައި ވަނީ މިިފަދަ ޢަމަލުތައް ހިންގާފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި އަދި ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެކަމަށްވެސް ބީއެމްލުން ހާމަކުރެއެވެ.

މީގެ އިތުރުން ބޭންކުން ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށް ބޭންކުން އެއް ގޮތަކަށްވެސް ނޭދޭނެ ކަމަށާ އެފަދަ ކޯލްތަކަށް ކަސްޓަމަރުން ޖަވާބު ނުދީ އިތުރަށް ސަމާލުވުމަށްވެސް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަންވީ މުހިންމު ކަންތައްތައް:

  • އެއްވެސް ފަރާތަކަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑުގެ މައުލޫމާތު ހިއްސާނުކުރުން
  • ކަސްޓަމަރުންނަށް އަންނަ މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމާއި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުން.
  • އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ދެވިފައިވާނަމަ ނުވަތަ އެކައުންޓުން ގޮތްނޭނގޭ
  • މުޢާމަލާތެއްކޮށްފައިވާކަން އެނގިއްޖެނަމަ ވަގުތުން ބޭންކަށް އަންގައި ކާޑު ބްލޮކް ކޮށް އައު ކާޑެއް ހެއްދުން

ކޭޝް ކާޑުގެ މަޢުލޫމާތު ހޯދުމަށާއި އެހެނިހެން ގޮތްގޮތުން ވެސް ބީއެމްއެލްގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންނަށް އޮޅުވާލާތީ، އެ ބޭންކުން އަންނަނީ ދޭތެރެ ދޭތެރެއިން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައްވެސް ހިންގަމުންނެވެ.

އީމެއިލް އާއި އެސްއެމްއެސް ނުވަތަ ފޯނު ކޯލު މެދުވެރިކޮށް ކާޑު ނަމްބަރާއި، ކާޑުގެ ސީވީސީ ކޯޑު، އަދި ކާޑުގެ މުއްދަތު ހަމަވާ ތާރީހު އޮޅުންފިލުވަންބޭނުންވާ އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ތަކުރާރުކޮށް ބީއެމްލުން ދަނީ އިލްތިމާސްކުރަމުނެނެވެ. އަދި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އާއި ޕާސްވޯޑް ހޯދުމަށް ފޮނުވާ އީމެއިލް ތަކަށްވެސް ޖަވާބު ނުދިނުމަށް އެ ބޭންކުން ވަނީ އިލްތިމާސް ކޮށްފައެވެ.