ވިޔަފާރި

"ކަސްޓަމްސް ޖާރނަލް" ޗާޕްކޮށްގެން ނެރެން ފަށައިފި


ކަސްޓަމްސްގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިމަނައިގެން އޮންލައިންކޮށް ނެރޭ "ކަސްޓަމްސް ޖާރނަލް" ޗާޕުކޮށްގެން ނެރެން ފަށައިިފިއެވެ.

އޮންލައިންކޮށް ނެރޭ "ކަސްޓަމްސް ޖާރނަލް"އަކީ ކަސްޓަމްސްގައި ހިނގާ ކަންތައްތަކާއި، މުދާ ކްލިއަރކުރުމާއި ރާއްޖޭގެ ބޯޑަރ ބެލެހެއްޓުމަށް ކުރެވެމުންދާ ކަންތައްތަކާއި ގަވާއިދުތަކާއި އުޞޫލުތަކަށް އަންނަމުންދާ ބަދަލުތައް ހިމެނޭގޮތަށް ނެރޭ މަޖައްލާއެކެވެ.

1990 އާއި 2000 ގެ ކުރީކޮޅުގެ އަހަރުތަކުގައި "ގޭޓް ކީޕާރ" ގެ ނަމުގައި ޗާޕްކޮށްގެން ނެރެމުންދިޔަ މަޖައްލާ "ކަސްޓަމްސް ޖާރނަލް" ގެނަމަށް ރީބްރޭންޑްކޮށް އޮންލައިން މަޖައްލާއެއްގެ ގޮތުގައި ނެރެން ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. ކަސްޓަމްސްއިން ބުނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، ޗާޕްކޮށްގެން ނެރެފައިވަނީ މި މަޖައްލާގެ 187 ވަނަ އަދަދުކަމަށެވެ.

ކަސްޓަމްސް ޖާރނަލްގައި ކަސްޓަމްސްގައި ހިނގާފައިވާ މުހިންމު ކަންކަމުގެ ޚަބަރުތަކާއި، މުވައްޒަފުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ފޯރުކޮށްދެވުނު ތަމްރީން ފުރުޞަތުތަކުގެ މައުލޫމާތު ހިމެނޭނެއެވެ. އަދި މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާ ގުޅޭ އުޞޫލުތަކާއި ޤަވާއިދުތަކަށް ގެނެވޭ ބަދަލުތަކާއި، ތަފާސް ހިސާބާއި ކަސްޓަމްސް މުވައްޒަފުންނަށް ހިންގޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ މަޢުލޫމާތުވެސް މީގައި ހިމެނެއެވެ.

ކަސްޓަމްސްއިން ބުނީ އެ މުޢައްސަސާގެ އަމާޒަކީ ކަސްޓަމްސްއާ ގުޅުންހުރި ތަފާތު މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގެ ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ. އަދި މި މަޖައްލާގެ ކޮޕީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމުގެ އިތުރުން މި މަޖައްލާ ކަސްޓަމްސް ވެބްސައިޓް، ފޭސްބުކް އަދި ޓްވިޓާއިން ލިބޭނެކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.