ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ޖޯޖިޔާއާއެކު ސޮއިކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި ޖޯޖިޔާއާއެކު ރާއްޖެއިން ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވާ ނިމިގެންދިޔަ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ތެރެއިންނެވެ. އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަޙީދުއެވެ.

ޖޯޖިޔާގެ މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުުރެއްވީ ޖޯޖިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

މިއެއްބަސްވުމުގެ އިތުރުންވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަޝްވަރާތަކެއް ޕާޓްނަރޝިޕް ފޯރަމްގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ތައިލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ސައުތު އެފްރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާވެސް ޓުއަރިޒަމް މިނިސްޓަރ ބައްދަލުކުރައްވާ މަޝްވަރާކުރެއްވިއެވެ. މިބޭފުޅުންގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބެންކް، އޭޑީބީގެ ޑައިރެކްޓަރާވެސް ޓުއަރިޒަމް މިނިސްޓަރ ބައްދަލުކުރެއްވިއެވެ.

ޕާޓްނަރޝިޕް ފޯރަމްގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއިރު، މިއަހަރު ރާއްޖެއަށް އަންނާނެކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދުވެސް ކުރިން ލަފާކުރި މިންވަރަށްވުރެ އިތުރުވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވީ 1.5 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ލަފާކުރިނަމަވެސް، މިހާރުގެ ލަފާކުރާ ގޮތުން 1.6 މިލިއަން ޓޫރިސްޓުން މި އަހަރު ރާއްޖެ އަންނާނެކަމަށެވެ.