ޚަބަރު

ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފި


ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރު މުޅިން ނިމިިފައިވާކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމު ހަރުދަނާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތަކާއި، ސީޕޯޓުތަކުގައި ބޭނުންކުރާ ޕައިސިސް ސިސްޓަމްތައް އަޕްގްރޭޑްކުރުމަށް ބޭނުންވާ ސިސްޓަމްތައް އެތަންތަނަށް ފޮނުވާ، އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ. ޕޯޓުތަކުގައި ބޭނުންކުރާ ޕައިސިސް ސިސްޓަމްތައް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ 70 ސިސްޓަމެއް ރާއްޖެގެނެސްފައިވާއިރު، އެތަކެތި އިންސްޓޯލްކުރުމުގައި ހަރަކާތްތެރިވީ ޕައިސިސް ބޯޑަރ ކޮންޓްރޯލްގެ ޓެކްނިކަލް ޓީމެކެވެ.

ރާއްޖެއައް އެތެރެވާ މީހުންނާއި ބޭރުވާ މީހުންގެ މަޢުލޫމާތު ދެނެގަތުމަށްޓަކައި މިހާރު ބޭނުންކުރަމުންދަނީ ޕަރސަނަލް އައިޑެންޓިފިކޭޝަން ސެކިއުއަރ ކޮމްޕެރިޒަން އެންޑް އިވެލުއޭޝަން ސިސްޓަމް، "ޕައިސިސް" އެވެ. މިއީ އައި.ސީ.ޓީ ދާއިރާގައި މަސައްކަތްކުރާ އެމެރިކާގެ މަޝްޙޫރު ކުންފުންޏެއްކަމަށްވާ ބޫޒް އެލެން ހަމިލްޓަންއިން ތަރައްޤީކޮށްފައިވާ ސިސްޓަމެކެވެ. 2013ވަނަ އަހަރު ރާއްޖޭގައި ބޭނުންކުރަން ފެށި މި ނިޒާމް އެންމެ އެދެވޭގޮތެއްގައި ބެލެހެއްޓިފައިނުވާކަން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ވަނީ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެހެންކަމުން އެމެރިކާ ސަރުކާރުގެ އެހީގައި މި ނިޒާމް އަޕްގްރޭޑްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ބޯޑަރ ކޮންޓްރޯލް ނިޒާމު އަޕްގްރޭޑްކުރެވުމާއެކު، މިނިޒާމްގެ މަސައްކަތްތައް އަވަސްވެ، ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެއަރޕޯޓުތަކުގެ އިމިގްރޭޝަން ކައުންޓަރތަކުން ޚިދުމަތް ހޯދުމަށާއި، މުދާ ގެންނަ ފަރާތްތަކަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މި އަޕްގްރޭޑް ތަކާއެކު މިނިޒާމުގެ ސަލާމަތީ ކަންކަންވެސް އިތުރަށް ކަށަވަރުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.