ޚަބަރު

ރާއްޖޭގެ ޙާލަތު ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ގިނަ - ރައީސް


ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޙާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ގިނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ސަފީރުންގެ ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތަކުގެ ފައިދާ، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޭރުގެ ޤައުމުތަކާއެކު މުޢާމަލާތުކޮށް ދިވެހިރާއްޖޭގެ ތަރައްޤީގައި ބައިވެރިވެ އެހީވެދޭނެ ފަރާތްތަކެއް ހޯދަން ޖެހޭކަމަށެވެ.

ދިވެހި ސަފީރުންގެ ބައްދަލުވުން ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙާއްމަދު ޞާލިޙް ވިދާޅުވީ މިފަދަ ބައްދަލުވުމުގެ އެންމެ މުހިންމު މަޤްޞަދަކީ ދިވެހިންގެ ދިރިއުޅުމާއި ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާމެދު މަޝްވަރާކޮށް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ހޯދުންކަމަށާ މިހާރަށްވުރެ ފާގަތި މަންޒިލަކަށް ރާއްޖެ ގެންދިޔުމަށްޓަކައި ރާއްޖެއިން ލިބެންހުރި ފުރުޞަތުތަކުގެ ބޭނުން މިހާރަށްވުރެ ފުރިހަމައަށް ހިފައިގެން ކުރިއަށްދާނެ ގޮތްތަކާމެދު މަޝްވަރާކުރުންކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއް ނަމަވެސް، ސާބިތުކަމާއެކު ގޮންޖެހުންތަކާ ކުރިމަތިލާ ޤައުމެއްކަމަށެވެ. ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގައިވެސް ރާއްޖެއިން ވަކާލާތުކުރަނީ، ޤާނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދަމަހައްޓަންކަމަށާއި، އެއީ ދިވެހިރާއްޖޭގެ ޑިޕްލޮމަސީގެ އަސާސްތައްކަމަށެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހި ޤައުމުގެ ހައިބަތު އުފުލައިދެނީ، ހަރުދަނާ ޑިޕްލޮމަސީކަމަށާއި، މި ޤައުމުގެ ދިފާޢަކީ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަންކަމަށް ރައީސް ވިދާޅުވިއެވެ.

"ތިޔަ ސަފީރުންނަކީ، ޑިޕްލޮމަސީ ހިންގަވަން ތިއްބެވި ފަހުލަވާނުން. ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކުރުމުގައި، ތިޔަބޭފުޅުންގެ ދައުރު ވަރަށް މުހިންމު. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، ޚާއްޞަކޮށް، ދިވެހި ކިޔަވާކުދިންނަށް ދޭންޖެހޭ ކޮންސިއުލަރ ޚިދުމަތްތައް ފަސޭހަކޮށްދިނުމާއެކު، އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ތިޔަބޭފުޅުންނަށް." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ޙިމާޔަތްކޮށް ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށާ އެހެން ޤައުމުތަކާއެކު ރާއްޖެއިން ގުޅުން އުފައްދައި ދަމަހައްޓާނީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިންކަމަށެވެ.

ދިވެހިންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއެކު ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކޮށް އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށްވުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސްކަން ފާހަގަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ބައިނަލްއަޤްވާމީ މަސްރަޙުގައި ސާބިތުކަމާއެކު އިސްއުފުލައި ޢަދުލުވެރިކަމާއި ހަމަޔާއި އިންސާފަށް އަޑުއުފުލުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ރުކުންކަމަށެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެއްޖެ. ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދުނިޔެއަށް ހާމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މި އަންނަނީ ކުރަމުން. ނަމަވެސް، ޤައުމުގެ ޙާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ނުހަނު ގިނަ. ދިވެހި ޚާރިޖިއްޔާގެ މަސައްކަތަކީވެސް ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ފުރިހަމަކުރާނެ ގޮތްތަކެއް ހޯދުން. އަދި، ތަރައްޤީގެ މަޝްރޫޢުތަކުގެ ފައިދާ، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ބޭރުގެ ޤައުމުތަކާއެކު މުޢާމަލާތުކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގައި ބައިވެރިވެ، އެހީވެދޭނެ ފަރާތްތަކެއް ހޯދުން." ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް މަންފާހުރި ގޮތްތައް ހޯދުމުގެ އެންމެ މުހިންމު މޭސްތިރިންނަކީވެސް ސަފީރުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަފީރުންގެ މަސްއޫލިއްޔަތަކީ ޤައުމުގެ ކުރިއެރުމަށާ ރައްޔިތުންގެ މުސްތަޤްބަލަށް، ދެމެހެއްޓެނިވި ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވުމެެވެ.

މިހާރުގެ ޙާލަތަށް ބަލާއިރު އިންވެސްޓަރުންނާއި ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރާއްޖޭގައި ހިނގާ އެކި ކަންކަމާމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަޙުޘްތައް ކުރެވެމުންދާއިރު ކަމުގެ ޙަޤީޤަތްތަކާއި ރާއްޖޭގައި ކަންހިނގާ އުޞޫލުތައް އޮޅުންފިލުވައިދިނުމަކީވެސް ސަފީރުންނާއި ދައުލަތުގެ ޒިންމާއެއްކަމަށެވެ.

"ތަރައްޤީގެ ކަންކަމުގައި ބޭރުގެ ޤައުމުތަކާ ގުޅުން އުފައްދާއިރު، ރާއްޖޭގެ ޤަދަރާއި ޝަރަފު ހިފެހެއްޓުމަކީވެސް އެހާމެ މުހިންމު ކަމެއް. ރާއްޖެއަކީ މިނިވަން ޤައުމެއް. ރާއްޖޭގެ ކަންތައްތައް ބައްޓަންކުރަންވާނީ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް. އަދި ދިވެހި ރައްޔިތުން އެދޭ، ރައްޔިތުންނަށް ފައިދާހުރި ގޮތްތަކަށް. ރާއްޖެއަކީ ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޙިއްޞާދާރެއް. ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ނަގާ ވަރުގަދަ ރާޅުތައް، މި ރާއްޖޭގެ ގޮނޑުދޮށްތަކަށްވެސް ބިންދަމުން ދާނެ. ބައިނަލްއަޤްވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، މި ރާއްޖެއަށް އަމާންކަމާއެކު ދަތުރުކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި ވިސްނުންތެރިކަމާއެކު، އެއް އަމާޒަކަށް މަސައްކަތްކޮށްގެން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ބޭރު ދުނިޔޭގައި ދިވެހި ދައުލަތް ތަމްސީލު ކުރައްވާ ބޭފުޅުންނަކީ ސަފީރުންކަމަށާ ސަފީރުންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަޞްލަޙަތު ހިމާޔަތް ކުރެއްވުންކަމަށް ވިދާޅުވިއެވެ. ސަފީރުން ތިއްބަވާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި، އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ދިވެހީންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަކީ، ދިވެހި އެމްބަސީތަކުގެ އެންމެ މުހިންމު މަސައްކަތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.