ޚަބަރު

ފަނޑިޔާރު ޢަބްދުﷲ ދީދީގެ އަނބިކަނބަލުން މަޤާމުން ވަކިކޮށްފި


ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީގެ އަނބިކަނބަލުން މަގަމުން ވަކިކޮށްފިއެވެ.

ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޣާނިޔާ ހުންނެވީ ދިވެހި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރުގެ މަގާމުގައެވެ. އޭނާ އެމަގާމަށް އައްޔަނު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ. މިސަރުކާރު ވެރިކަމާ ޙަވާލުވީފަހުންވެސް އޭނާ މަޤާމުން ވަކިކުރައްވާފައެއް ނުވެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރެވޭ ރިޝްވަތުގެ ފައިސާ ޖަމާކޮށްފައިވަނީ އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށްކަމަށް ތުހުމަތުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ޖޭއެސްސީއަށް މައްސަލަ ހުށަހަޅުއްވާފައެވެ.

ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޣާނިޔާގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލާގައި ތުހުމަތު ކުރެވެއެވެ.

މިމައްސަލާގައި ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރިކަން ހާމަކުރެއްވީ މިމަހުގެ 12ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކުރީ އޭނާއާމެދު ހުށައެޅިފައިވާ މައްސަލައެއް ފުލުހުން ތަހުޤީގުކުރަމުން ގެންދާތީކަމަށް ޖޭއެސްސީން އެދުވަހު ހާމަކުރެއްވިއެވެ. މިމައްސަލަ ޖޭއެސްސީއަށް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އަބްދުﷲ ދީދީ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެ ވާހަކަތައް ދޮގުކުރައްވާ އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ޙައްގު ނޫން ފައިސާއެއް އޭނާއާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑްކުރިކުރުމަށް ޢަމަލުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި މިމަހުގެ 13ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ ޢަމުރުގައި ވިދާޅުވެފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލައެއްގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ އިތުރުން ޢާންމު ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހުށައަޅާފައިވާ މައްސަލައެއްކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ސްޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

މިއާއެކު މިމައްސަލަ އާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީގެ ނިންމުމަށް ޢަމަލުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާކަމަށެވެ.

މިއާއެކު ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ޖޭއެސްސީއަށް ގޮންޖައްސަވައި މަސައްކަތަށް ނުކުންނެވި މައްސަލަ ތަހްޤީޤުކުރުމަށް ޖުޑީޝަލް ސަރވިސްކޮމިޝަން ޖޭއެސްސީންވަނީ ކޮމިޓީއެއް އެކުލަވާލާފައެވެ. މިމައްސަލާގައި ފަނޑިޔާރު ޢަބްދުﷲ ދީދީ ރޭވަނީ ޖޭއެސްސީއަށް ޙާޒިރުވެސްކޮށްފައެވެ.