ޚަބަރު

ފުވައްމުލަކު ސިޓީގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ގެއްލުންވެއްޖެ


ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ބައެއް ގޭގޭގެ ހިފާގެންގުޅޭ ސާމާނަށް ގެއްލުންވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުވައްމުލަކު ސިޓީގެ މޭޔަރ ޢަބްދުﷲ ފަލާޙު ޝަރީފު ވިދާޅުވީ، މިއަދު މެންދުރުފަހުން ފެށިގެން ފުވައްމުލަކު ސިޓީއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެނުގެ އަސަރުކޮށްފައިވާކަމަށެވެ. އަދި މި ވިއްސާރައިގެ ސަބަބުން ގެއްލުންވި ގޭގޭގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރުވެސް ކައުންސިލްގެ މުވައްޒަފުން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ފަލާޙު ވިދާޅުވީ، ފެނުގެ އަސަރުކޮށްފައިވާ ގޭގެއިން ފެން ހިއްކުމުގެ މަސައްކަތް މިހާރުވެސް އެމް.އެން.ޑީ.އެފުން ކުރަމުންދާކަމަށާއި، ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާތަނަށް 50 ހަކަށް ގެއަށް ކައުންސިލްގެ މުވައްޒަފުން ގޮސް، ހާލަތު ބަލާފައިވާއިރު، 3 އަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފަލާޙު ވިދާޅުވިއެވެ. އަދި އެ 3 ގެއިން ފެން ހިއްކުމަށްފަހުވެސް ދިރިއުޅެވޭވަރު ނުވާނަމަ، 3 ގޭގެ މީހުންވެސް ވަގުތީގޮތުން އެހެންތާކަށް ބަދަލުކުރުމުގެ އިންތިޒާމް ކައުންސިލުން ހަމަޖައްސައިދޭނެކަމަށް ފަލާޙު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރ ފަލާޙު ވިދާޅުވީ، އެ ސިޓީއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވުމުގެ އިތުރުން، ބައެއް ދަނޑުބިންތަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމަށްފަހު ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ފޮނުވައި، އިތުރަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.