ޚަބަރު

ކުޑަކުދިންނާއިގުޅޭ މައްސަލަތަކުގެ އަދަދު މިއަހަރު އިތުރުވެފައި


ކުޑަކުދިންނާގުޅޭ މައްސަލަތައް މިދިޔަ ހަތަރު އަހަރު، 4 ގުނަޔަށް އިތުރުވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.އެހެން އަހަރު ތަކާއި އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށްވެސް ހުށަހެޅިފައިވާ މައްސަލަތަށް ގިނަވެފައިވާއިރު މައިގަނޑު ގޮތެއްގައި ހުށައެޅިފައިވަނީ، ޖިންސީ އަނިޔާއާއި ޖިސްމާނީ އަނިޔާފަދަ ގެވެށިއަނިޔާތަށްކަމަށް ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ.ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ކުޑަކުދިންނަށް ކުރާ ތަފާތު އަނިޔާގެ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން،  މިހާތަނަށް 322 މައްސަލަ އެމިނިސްޓްރީއަށް  ހުށަހެޅިފައިވާކަމަށެވެ. މިއީ އެހެން އަހަރުތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން އިތުރު އަދަދެއްކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަ ތަކުގެ ތެރެއިން އަޅާލާނެ މީހަކު ނެތުމުގެ ސަބަބުން ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭ ކުޑަކުދިންގެ ހިޔާއަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 26 ކުއްޖަކު ގެންގޮސްފައިވެއެވެ. މިގޮތަށް ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނަށް މާލޭގައި ކުޑަކުދިންގެ ހިޔާއާއި ރާއްޖޭގެ ހަތަރު އަތޮޅެއްގައި ސޭފް ހޯމްތަކެއް ޖެންޑަރމިނިސްޓްރީން ހިންގައެވެ.އާއިލާއެއްގެ ލޯބި ހޯދައިދިނުމުގެ މަގުސަދުގައި އެފަދަ ކުދިން ބެލުމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން، އެކަށީގެންވާ ފަރާތްތަކަށް އެފުރުސަތު ދިނުމުގެ ގޮތުން، ދައުލަތުން ބަލަމުންދާ 11 ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ތަފާތު ފަރާތްތަކާއި ހަވާލުކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއެވެ.ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވީ، ވ. ރަކީދޫން އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އިބްތިހާލްގެ މަރުގެ މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން ޖެންޑަރ މިނިސްޓްރީގެ އިންޓާނަލް އިންވެސްޓިގޭޝަނެއް ކުރިޔަށްގެންދިޔަކަމަށާއި އޭގެ ރިޕޯޓް ކަމާބެހޭ މުއައްސަސާތަކަށް ފޮނުވާފައިވާކަމަށެވެ. އަދި  މިނިސްޓްރީ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން ހައްލުކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ބެހޭ ގޮތުން ރިޕޯޓު ކުރާ ހޮޓްލައިން "1412" އަށް އެންމެ ގިނައިން ހުށަހަޅަނީ ޖިންސީ ހާނިއްކަ އާއި ޖިސްމާނީ ގޮތުން  ގެވެށި އަނިޔާގެގޮތުގައި ހިމެނޭ މައްސަލަތައް ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.ކުޑަކުދިންންނާއި އަންހެނުނަށް ކުރާ އަނިޔާ އިން އެފަރާތްތައް ހިމާޔަތްކުރުމަށްޓަކައި ކުރެވޭނެ އެންމެ ބޮޑު މަސައްކަތަކީ އެކަންކަން ސިއްރުނުކޮށް ހާމަކުރުން ކަމައްވާއިރު، މިފަދަ އަނިޔާތަކާއި ގުޅޭގޮތުން އާންމުން ހޭލުތެރިކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަށް  ރާވާއި ހިންގަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި މިއަދު އިފްތިތާހްކުރި "އަހަން"ގެ ކެމްޕޭއިނަކީވެސް މިމަސައްކަތުގައި ފުޅާ ދައުރެއް އަދާކުރާނެ ވިއުގައެއްކަމަށް  ޖެންޑަރ މނިސްޓްރީން މައުލޫމާތުދެއެވެ.