ޚަބަރު

މުރްސީގެ އަވަސް ޖަނާޒާއާއެކު މިޞްރުގެ ސަރުކާރަށް އިތުރު ތުހުމަތުތަކެއް


ހޯމަ ދުވަހު ކުއްލި ގޮތަކަށް އަވަހާރަވި މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރްސީގެ ހަށިކޮޅު ރޭ ފަތިހު ފަސްދާނުލައިފިއެވެ.

މުރްސީގެ އާއިލާއިން ބުނީ މުރްސީގެ ހަށިކޮޅު ފަސްދާނުލީ އަވަސް ކޮށްލައިގެން އާންމުންނަށް ސިއްރުން ކަމަށާއި، ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދިނީ މުރްސީގެ އަނބިކަނބަލުންނަށާއި، ދެ ދަރިކަލުންގެ އިތުރުން އޭނާގެ ގާނޫނީ ވަކީލަށް އެކަނިކަމަށެވެ.

މިސްރު ސަރުކާރުން މުރްސީގެ ޖަނާޒާ ބާއްވައި ފަސްދާނުލުމުގެ ކަންތައް އަވަސްގޮތަކަށް ނިންމާލާފައި މިވަނީ މުރްސީއަށް ވިހައެއް ދީފައިވާކަމާއި އަދި ޖަލުގައި އޭނާއަށް އަނިޔާކުރިކަމަށް ކުރެވިފައިވާ ތުހުމަތުތައް ތަޙުޤީޤުކުރުމަށްޓަކައި ޖަނާޒާގެ ކަންތައްތައް ފަސްކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. މުރްސީ ޖަލުގައި ހުންނަވަނިކޮށް އަވަހާރަވީ މިސްރު ސަރުކާރުގެ އިހުމާލުން ކަމަށް ތުހުމަތުކޮށް އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ މި މައްސަލަ މުސްތަގިއްލު ގޮތެއްގައި ތަހްގީގްކުރުމުގެ ފުރްސަތު ދިނުމަށް މިސްރު ސަރުކާރަށް ގޮވާލާފައެވެ.

މުރްސީއަކީ ލޭމައްޗަށް ދިއުމާއި ހަކުރު ބަލީގެ އިތުރުން ކިޑްނީގެ އާލާސްކަންފުޅެއްވެސް ހުންނަ ބޭފުޅަކަށް ވީ ހިނދު، އެކަންކަމަށް ދޭންޖެހޭ ފަރުވާ ނުދޭކަމުގެ ތުހުމަތު މިސްރު ސަރުކާރުގެ މައްޗަށްވަނީ ކުރެވިފައެވެ. އަދި މުރްސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުން ވަނީ، އިސްރާއީލުން ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތަށް ވިހަދީގެން އަވަހާރަކޮށްލި ގޮތަށް މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީގެ ސަރުކާރުން މުރްސީ އަށް ވިހައެއް ދީފައިވާކަމަށް ތުހުމަތުކޮށް، އެކަން މުސްތަގިއްލު ގޮތެއްގައި ތަޙުޤީޤުކުރުމަށް އދއަށް ގޮވާލާފައެވެ.

މި ތުހުމަތުތަކަށް އިންކާރު ކުރުމަށްފަހު މިސްރު ސަރުކާރުން ބުނެފައިވަނީ މުރްސީ އަވަހާރަވީ އޭނާ ހައްޔަރުކޮށްފައިވާ ގާހިރާގެ ލީމާން ތުއްރާ ޖަލުގައި ބޭއްވި ޝަރީއަތުގެ އަޑު އެހުމެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް ހާޓް އެޓޭކެއް ޖެހިވަޑައިގެންކަމަށެވެ. މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ އޮފީހުން ޖަލުތަކާބެހޭ މައި އިދާރާއަށް އަންގާފައިވަނީ ޖަލުގައި މަރުވާމީހުންނާ ބެހޭގޮތުން ފޮރެންސިކް ކޮމިޓީން ތައްޔާރުކުރާ އާންމު ރިޕޯޓަށް ފަހު ލަސްނުކޮށް މުރްސީގެ ހަށިކޮޅު ފަސްދާނުލުމަށާއި، ޖަނާޒާގައި ބައިވެރިވުމުގެ ފުރްސަތު ދޭންޖެހޭނީ އޭނާގެ އަނބިކަނބަލުންނަށާއި، ދެ ދަރިކަލުންނަށާ އަދި އޭނާގެ ގާނޫނީ ވަކީލަށް ކަމަށެވެ.

މުރްސީގެ ދޮށީ ފިރިހެން ދަރިކަލުން އަޙްމަދު މުޙައްމަދު މުރްސީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ބައްޕައަކީ ﷲ ސުބްޙާނަހޫ ވަތައާލާގެ ޙަޟްރަތުގައި ޝަހީދަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ލީމާން ތުއްރާ ޖަލުގައި މުރްސީގެ ހަށިކޮޅު ހިނަވައި ކަފުންކޮށް ޖަލުގެ މިސްކިތުގައި މުރްސީގެ މައްޗަށް ކަށުނަމާދުކުރީ ހަމައެކަނި އާއިލާގެ މީހުން ކަމަށާ އެއީ ވަރަށް ހިތާމަވެރި ވަގުތެއް ކަމަށް އަޙްމަދު ވިދާޅުވިއެވެ.

މުރްސީ ފަސްދާނުލީ ގާހިރާގެ މަދީނަތުއްނަޞްރުގައި ވާ އިޚްވާނުލް މުސްލިމޫން ޖަމާއަތުގެ މުރްޝިދުންގެ މަޤްބަރާގައެވެ. އެތަނުގައި ފަސްދާނުލީ ގާހިރާގެ އައްޝަރްޤިއްޔާ އަވަށުގައި އޮންނަ މުރްސީގެ އާއިލާ މެންބަރުން ފަސްދާނުލާ ގަބުރުސްތާނުގައި މުރްސީގެ ހަށިކޮޅު ފަސްދާނުލުމުގެ ހުއްދަ މިސްރުގެ ކަމާބެހޭ އިދާރާތަކުން ނުދިނުމުން ކަމަށް މުރްސީގެ ގާނޫނީ ވަކީލު ވަނީ ވިދާޅުވެފައެވެ.