ސިޔާސީ

މެންބަރުންގެ ބޮޑެތި ފާޑުކިއުންތަކާއި ކަންބޮޑުވުން ސުޕްރީމް ކޯޓަށް


ސުޕްރީމްކޯޓަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށް ފަނޑިޔާރުގެ ހަމަމަގަށް އަޅުވާ އިޞްލާޙުކުރެވޭނީ ހަމައެކަނި މަޖިލީހަށްކަމަށް ވިދާޅުވެ އެ މަސައްކަތް އަވަސްކުރުމަށް މަޖިލީހުގެ ގިނަ މެމްބަރުން ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުމެއްކަމަށް ކަނޑައެޅުމަށް ޖުޑީޝަލް ކޮމިޓީން ދިރާސާކޮށް ތަޅުމަށް ހުށައެޅި ރިޕޯޓަށް ބަހުސަށް ހުޅުވާލުމުން މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ސުޕްރީމް ކޯޓަށާއި، ފަނޑިޔާރުގެއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޖުޑީޝަލް ކޮމިޓީން ދިރާސާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ރިޕޯޓްގައި ވަނީ، ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުމެއްކަމަށާއި، ޖޭއެސްސީ އާއި އެނޫންވެސް މިނިވަން މުއައްސަސާތަކަށް ސުޕްރީން ކޯޓުން ނުފޫޒް ފޯރުވުން ހުއްޓާލުމަށް އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސްކުރަންޖެހޭކަމަށެވެ.

މި ރިޕޯޓަށް ބަސްހުސްކުރެވި ގިނަ މެންބަރުން ވަނީ އެ ރިޕޯޓަށް ތާޢީދުކޮށް ފަނޑިޔާރުގެ ވީހާސްވެސް އަވަހަށް އިސްލާޙުކުރުމަށް ގޮވާލައްވާފައެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢިލް އަޙްމަދު ނަސީމް ވިދާޅުވީ، ޖޭއެސްސީ ޖަވާބުދާރީ ކުރެވޭނެ ހަމައެކަނި ފަރާތަކީ ޤާނޫނޫ އަސާސީ ބުނާގޮތުން ރައްޔިތުންގެ މަޖިލީސްކަމަށާއި، އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެކަމެއް ނޫންކަމަށެވެ.

" ޖޭއެސްސީއަށް ގޮންޖަހާ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް ގޮންޖަހާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރޭ ހުކުމްތަކުން އެބުނަނީ ތިމަންނާމެން މި ޤާނޫނު އަސާސީއަށްވުރެ މައްޗޭ. ދިވެހިރާއްޖޭގެ ރައްޔިތުންނަށްވުރެ ތިމަންނަމެން މައްޗޭ. ތިރިކުރަން އެބަޖެހޭ އިއްޒަތްތެރި ރައީސް." މީކާޢީލް ވިދާޅުވިއެވެ.


މި މައްސަލައަށް ބަހުސްކުރައްވަމުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ވަޙީދު ވިދާޅުވީ، އެންމެ ގިނައިން ރައްޔިތުން ކުރާ ޝަކުވާއަކީ ފަނޑިޔާރުގެ އާއި މެދު ކުރާ ޝަކުވާކަމަށެވެ. އެހެންކަމުން ގިނަ ދުވަސްތަކެއް ނުކޮށް ފަނަޑިޔާރުގެ ވީހާވެސް އަވަހަށް އިޞްލާހުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

" ފަނޑިޔާރުގެ ހަމަމަގަށް އެރުވުމަށްވުރެ ބޮޑު ޒިންމާއެއް މި މަޖިލީހަކަށް ނެތް. ފަނޑިޔާރުގެ އަށް އިތުބާރު އުފެއްދުމަށް އޮތް ހަމައެކަނި މުއައްސަސާއަކީ ޖޭއެސްސީ. އެތަނުގެ އިޙްތިޞާސްތެރެއަށް ވަދެގެން ބާރު ކަނޑުވާލައިގެން މިއުޅޭނީ. އެހެންވެ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ." އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤްވެސް ވަނީ ފަނޑިޔާރުގެ އިޞްލާޙުކުރުމަށް ތާޢީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ ދެ ބާރެއްގެ މެދުގައި ހިނގާ ހަމަނުޖެހުމަކީ ރައްޔިތުންގެ މަޖިލީހަށް ހައްލުކުރެވިދާނެ މައްސަލައެއްކަމަށެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތްކަން ފާހަގަކުރައްވާ ޠާރިޤް ވިދާޅުވީ، ޤާނޫނޫ އަސާސީ އާއި ޤާނޫނުތައް އިޞްލާހުކޮށްގެން ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް އެމްޑީޕީގެ މެންބަރުންނަށް ފަސޭހައިން ކުރެވޭނެކަމަށެވެ. އެހެންކަމުން ޤައުމުގެ ހަމަޖެހުން ގެއްލުވާނުލުމަށް އޭނާ ގޮވާލެއްވިއެވެ.

"އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތުމާއެކު ވަރަށް ރީތިކޮށް ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތަތް އެމްޑީޕީއަށް ކުރެވެން އެބައޮތް. އެގޮތަށް ގެންގޮސްފިނަމަ ޤައުމު ހަލަބޮލި ނުވެ ދެ މުއައްސަސާ ދެމެދު ހަނގުރާމަ ނުކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެމްޑީޕީން ގެންނަން ބޭނުންވާ އިޞްލާޙު ގެނެވޭނެ." މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންވެސް އަދި ޖުޑިޝަރީ ކޮމިޓީން ނިންމާ ނިންމުންވެސް މާކުރިން ސުޕްރީމް ކޯޓުން ބާޠިލްކަމަށް ކަނޑައަޅާފައިވާކަމަށެވެ. އެއީ ސުޕްރީމް ކޯޓަށް ނިންމޭނެ ނިންމުމެއް ނޫންކަމަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުންގެ ނިންމުމަކީ ޤާނޫނު އަސާސީ އާއި މުޅިން ޚިލާފު ނިންމުމެއްކަމަށް މި ރިޕޯޓްގައި ހިމެނުމަށް އަޅުގަނޑު ހުށައަޅަން." ޙަސަން ލަޠީފް ވިދާޅުވިއެވެ.

މި މައްސަލަ ދިރާސާކުރެއްވި ކޮމިޓީގެ މުޤައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ ވިދާޅުވީ، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ފަނޑިޔާރުގެ އިސްލާހުކޮށް ރައްޔިތުންގެ ހައްޤު ހޯދައިދޭންޖެހޭކަމަށެވެ.

"ރައްޔިތުން ބޭނުންވާ އިންސާފު މި ރައްޔިތުންގެ މަޖިލީހުން ހޯދައިދޭނަން. ސުޕްރީމް ކޯޓުން ނިންމާ ޤައިރު ޤާނޫނީ ނިންމުމަށް މި މަޖިލީހުން ބޯލަނބާނަމަ އެއީ ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް. އަޅުގަނޑުމެންނަކީ މަސްޢޫލިއްޔަތަކާއެކު ރައްޔިތުން މިތަނަށް ފޮނުވާފައިވާ ބައެއް. ރާއްޖޭގެ ދުސްތޫރީ އެއްވެސް މައްސަލައެއް އުފުށް މި ފުށަށް ސުޕްރީމް ކޯޓުން ޖަހާނުލާ ހަމަ އެންމެ މައްސަލައެއްވެސް ނެތް." މެންބަރު އިމްތިޔާޒް ފަޙްމީ ވިދާޅުވިއެވެ.

މި ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ޤާނޫނު އަސާސީގައި މިހާރު އޮތް ގޮތަށް ސުޕްރީމް ކޯޓާއި ޝަރުޢީ ދާއިރާ އޮވެގެން އެ ދާއިރާ އިޞްލާޙު ނުކުރެވޭނެކަމަށެވެ. އިންސާފު ކަށަވަރުކުރުމަށް ވަގުތީ ގޮތުން ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާ އެއްގޮތަށް ފަނޑިޔާރުގެ އިޞްލާޙު ކުރަންޖެހޭކަމަށާއި، ވަގުތީ ޙަލެއް ގޮތުން ނަމަވެސް ޖޭއެސްސީގެ މަސައްކަތްތައް ބަލައިގަނެ ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވާނަމަ އެކަން ހުއްޓުވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓަށް ލިބިގެންވާ ސުމޯޓޯ ބާރު ނުވަތަ ވިރާސީ ބާރު، އަމިއްލައަށް މައްސަލަ އުފުއްލަވާފަ މައްސަލަ ބަލާ އުސޫލް ޖެހޭ ބަދަލުކުރަން. ރާއްޖޭގެ އެއްވެސް ކޯޓަކަށް މައްސަލަ ބެލޭނީ މައްސަލައެއް ކޯޓަކަށް ހުށައެޅީމަ. ކޯޓުން އެއްވެސް ޒާތެއްގެ މައްސަލައެއްގައި ޚާއްޞާކޮށް، ދުސްތޫރާ ގުޅޭ އެއްވެސް މައްސަލައެއްގައި ޖޭއެސްސީން އެ މައްސަލަ ނިންމުމުގެ ކުރިން ސުޕްރީމްކޯޓަށް އެއްވެސް އެއްޗެއް ބުނެވިގެން ނުވާނެ." ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވިއެވެ.

ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރެއްވި ބައެއް މެންބަރުން ވަނީ ސުޕްރީމް ކޯޓް އުވާލާ އައު ފަނޑިޔާރުން އެ ކޯޓަށް އައްޔަންކުރުމަށްވެސް ގޮވާލާ ވާހަކަފުޅު ދައްކަވާފައެވެ. މެންބަރުން ވިދާޅުވީ، ސުޕްރީމް ކޯޓަކީ ފަހު ބަސް ބުނާ ބާރުކަމަށް ޤާނޫނޫ އަސާސީގައި ބަޔާންކޮށްފައި އޮތް އޮތުމުގެ ނާޖާއިޒު ފައިދާ ސުޕްރީމް ކޯޓުން ނަގަމުންދާ ކަމަށްވެސް ތުހުމަތުކުރައްވާފައެވެ.