ސިޔާސީ

އޭސީސީއާއި ބްރޯޑްކޮމްގެ މެންބަރުން މާދަމާ ކޮމިޓީއަށް ޙާޒިރުކުރަނީ


އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޙާޒިރުކުރަން ނިންމައިފިއެވެ. އޭސީސީއާއި ބްރޯޑްކޮމްގެ މެންބަރުން ކޮމިޓީއަށް ޙާޒިރުކުރަން ނިންމާފައިވަނީ މާދަމާއެވެ.

ދެ ކޮމިޝަންގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޙާޒިރުކުރަން ނިންމާފައިވަނީ، އޭސީސީން ނުބަލާ ދޫކޮށްލާފައިވާ މައްސަލަތަކާއި ގުޅޭގޮތުން މަޢޫލޫމާތު ސާފުކުރުމަށާއި، ބްރޯޑްކޮމްގެ ކުރީގެ ނާއިބު ރައީސް އިސްމާޢިލް ޞަފްވާން ވަކިއެއްޗެއް ނާންގަވާ އޮފީހަށް ނުކުމެވަޑައިނުގެން މުސާރަ ނަންގަވާ މައްސަލާގައި މަޢުލޫމާތު އޮޅުންފިލުވުމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ނާއިބު މުޤައްރިރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢިލް އަޙްމަދު ނަސީމް ވިދާޅުވީ، އެ ދެކޮމިޝަންގެ މެންބަރުންނާއި ސުވާލުކުރުމަށް ޢާންމުކޮށް ސުވާލު ހުށައެޅުން ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުންނާއި މެސެޖާއި އީމެއިލް މެދުވެރިކޮށްވެސް ޢާންމުންނަށް ސުވާލު ފޮނުވޭނެކަމަށް މީކާޢީލް ވިދާޅުވިއެވެ.

މިއީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިނިވަން މުއައްސަސާތަކުގެ މެންބަރުން ޙާޒިރުކުރާ ފުރަތަމަ ފަހަރުއެވެ.
އޭސީސީއާއި ބްރޯޑްކޮމްގެ މެންބަރުން މަޤާމުގެ މަސްޢޫލިއްޔަތު ރަނގަޅަށް އަދާނުކުރާކަމަށް ބުނެ ގިނަ ބައެއް ފާޑުކިއުންވަނީ އެ ދެކޮމިޝަނަށްވެސް އަމާޒުވެފައެވެ. ޚާއްޞަކޮށް އޭސީސީގެ ރައީސްއާއި ބްރޯޑްކޮމްގެ ނާއިބު ރައީސް އޮފީހަށް ނުކުމެވަޑައިނުގެން މުސާރަ ނަންގަވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދިވެސް އެ މައްސަލައަށް ޙައްލެއް ހޯދިފައެއްނުވެއެވެ.