ޚަބަރު

މުޒާހަރާއިން ހައްޔަރުކުރި ބައެއް މީހުންގެ މައްސަލަ ޕީޖީއަށް


މިމަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިސްނަގައިގެން މާލޭގައި ކުރިއަށް ދިޔަ މުޒާހަރާ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.ޕީޖީ އޮފީހުން ބުނީ ދައުވާކުރުމަށް ފޮނުވި މީހުންގެ ތެރެއިން ދައުވާކުރާނީ ކިތައްމީހުންނާއި މެދުކަމެއް އަދި ނުނިންމާކަމަށެވެ. ފުލުހުންވެސް ބުނީ މިކަމާއި މެދު ފުލުހުންނާއި ޕީޖީ އާއި ދެމެދު މަޝްވަރާކުރަމުންދާކަމަށެވެ.ސަރުކާރުގެ "އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ އަދާލަތު ޕާޓީން އިސް ނަގައިގެން ބޭއްވި އެ މުޒާހަރާ އިން ސަތޭކަ ނުވަދިހަ ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން ފުލުހުންގެ ބަންދުގައި ތިބީ، ކްރިމިނަލް ކޯޓުން ފަނަރަ ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްދިން ސަތޭކަ ހަތްދިހަ ފަސްމީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.ފުލުހުން ބުނީ މީގެ ތެރެއިން ފަންސާސް މީހަކު މިހާރު ދޫކޮށްލާފައިވާކަމަށެވެ.ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި އެ މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވެސް ހިމެނެއެވެ.