ޚަބަރު

ފަނޑިޔާރު ޢަބްދުﷲ ދީދީ ޖޭއެސްސީއަށް ޙާޒިރުކޮށްފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީއަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އަށް ޙާޒިރުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ޖޭއެސީގެ ބައްދަލުވުމަށް ފަނޑިޔާރު ދީދީވަނީ ޙާޒިރުވެވަޑައިގެންފައެވެ. ޖޭއެސްސީން މިރޭ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ޙާޒިރުކުރަނީ، ސުލޫކީ މައްސަލައެއްގައި ޖޭއެސްސީން އޭނާ ސަސްޕެންޑުކޮށްފައި ވަނިކޮށް އެނިންމުމަށް ގޮންޖައްސަވައި މަސައްކަތަށް ނުކުންނެވި މައްސަލަ ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރިކަން ހާމަކުރެއްވީ މިމަހުގެ 12ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކުރީ އޭނާއާމެދު ހުށައެޅިފައިވާ މައްސަލައެއް ފުލުހުން ތަހުޤީގުކުރަމުން ގެންދާތީކަމަށް ޖޭއެސްސީން އެދުވަހު ހާމަކުރެއްވިއެވެ. މިމައްސަލަ ޖޭއެސްސީއަށް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެނގިފައިވާ ގޮތުގައި ނަޝީދު ހުށައެޅުއްވީ އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވަން ސުޕްރީމްކޯޓްގެ ބެންޗުގައި ހިމެނިވަޑާއިގަންނަވާ އަބްދުﷲ ދީދީ އެއްމިލިއަން ރުފިޔާ ނެންގެވިކަމަށް ބުނާ މައްސަލައެކެވެ. ފަނޑިޔާރު އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި ކުރިމިނަލްކޯޓްގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. އަދި އެ މައްސަލަ އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުންތައް އާމަޒުވިއެވެ. އަދި އެ މައްސަލަ ނިމުނުތާ މާގިނަދުވަސްތަކެއް ނުވަނީސް އަބްދުﷲ ދީދީ ވަނީ ހައިކޯޓްގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަންކޮށްފައެވެ.

އަބްދުﷲ ދީދީ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެ ވާހަކަތައް ދޮގުކުރައްވާ އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ޙައްގު ނޫން ފައިސާއެއް އޭނާއާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑްކުރިކުރުމަށް ޢަމަލުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި މިމަހުގެ 13ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ ޢަމުރުގައި ވިދާޅުވެފައިވަނީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލައެއްގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ އިތުރުން ޢާންމު ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހުށައަޅާފައިވާ މައްސަލައެއްކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ ސްޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާކަމަށެވެ.

މިއާއެކު މިމައްސަލަ އާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީގެ ނިންމުމަށް ޢަމަލުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާކަމަށެވެ.