ޚަބަރު

ވެކްސިން ނުދިނުމާއި އަންހެން ކުދިން ސުކޫލަށް ނުފޮނުވާ މައްސަލަ


ބައެއް ފަރާތްތަކުން ކުޑަކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހެދުމާއި ، އަންހެން ކުދިންް ސްކޫލަށް ނުފޮނުވާކަން ފާހަގަ ކުރެވިފައިވާކަމަށް  ހިއުމަން ރައިޓްސް ކޮމިޝަނުން ހާމަކޮށްފިއެވެ.މިއަދު ފާހަގަކުރަމުންދާ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވަނީ ކޮށްފައިވާ ދިރާސާތަކުންކަމަށެވެ.މީގެ އިތުރުން މާބަނޑު ދުވަސްވަރުގަޔާއި ވިހެއުމަށް ފަހު މައިންނަށް އުފަންވެނިވި ޞިއްޙަތާއި ގުޅުންހުރި ތަފާތު މައްސަލަތަކުގައި އެކަށީގެންވާ ފެންވަރުގެ ސިއްޙީީ ޚިދުމަތް ނުލިބޭކަން ފާހަގަކޮށްފައިވެއެވެ. އަދި ހަށިވިއްކުމުގެ ވިޔަފާރީގައި ކުޑަކުދިން ބައިވެރިކޮށް އެކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުންދާ ފަރާތްތަކެއް ވާކަން ހިތަމައާއެކު ފާހަގަކުރެވޭކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ޖިންސީ ގޯނާގެ މައްސަލަތަކާއި، ބެލެނިވެރިން އަދި ދައުލަތުން ކުޑަކުދިންނާއި މެދު އިހުމާލުވެފައިވާ މައްސަލަތަކާއި މިފަދަ މައްސަލަތަކުގެ ސަބަބުން ކުދިންގެ ދިރިއުޅުމުގެ ޙައްޤު ނިގުޅައިގަނެފައިވާ ކަން ފާހަގަކޮށްފައިވެއެވެ.މީގެ އިތުރުން މާރާމާރީ ތަކުގައި ކުޑަކުދިން ޝާމިލް ކުރާކަން ފާހަގަކޮށް މިފަދަ ކަންކަން އިސްލާޙްކުރުމަށް ހުރިހާ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނަށް މަޖިލީހުން ގެންނަ އިސްލާޙްތައް އަވަސްމުއްދަތެއްގައި ފާސްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. މިއާއި އެކު ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ ގެ ތިންވަނަ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް މިދިޔަ މަހި މަޖިލީހުން ފާސްކޮށްފައިވާތީ އެއީ އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަަކޮށްފައިވެއެވެ.