ވިޔަފާރި

ޕޮއިސްޑް މަޝްރޫޢަށް އީޔޫއިން 5 މިލިއަން ޔޫރޯގެ އެހީއެއް ދީފި


ޕޮއިސްޑް މަޝްރޫޢަށް ޔޫރަޕިއަން ޔޫނިއަން، އީޔޫއިން 5 މިލިއަން ޔޫރޯގެ އެހީއެއް ދީފިއެވެ.

ޕޮއިސްޑް ނުވަތަ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ދިވެހިރާއްޖެ ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން އީޔޫއިން ދޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.

މި އެއްބަސްވުމުގެ ދަށުން ޕޮއިސްޑް މަޝްރޫޢުގައި ހިމެނޭ ގ.އ. އަދި ގ.ދ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ސޯލާ ޑީސްލް ބެޓެރީ ހައިޑްރިޑް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީއާ ގުޅޭ "ސަޕޯޓް ޓު އިމްޕްލިމެންޓް ދަ ނެޝަނަލް ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް ރިލޭޓަޑް ޓު ގްރީން ހައުސް ގޭސް އެމިޝަންސް އިން މޯލްޑިވްސް" އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ. ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްބެސެޑަރ ޓުންގލަރީ މާރގްއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަރަޔަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަންގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.