ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާއި ދެކޮޅަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއްކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސުޕްރީމް ކޯޓުގެ އެ އަމުރާ ޚިލާފަށް ޖޭއެސްސީން ނިންމާ ނިންމުކަމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާ ދައުލަތުގެ މުއައްސަސާއަކުން ނިންމާ ކޮންމެ ނިންމުމަކީވެސް ބާތިލު ނިންމުންތަކެއް ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރު ލިބިގެންވަނީ ޝަރުޢީ ކޯޓުތަކަށްކަމަށާއި، މީގެއިތުރުން އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަން ޤާނޫނު އަސާސީގައި ސާފު ބަހުން ބަޔާންކޮށްފައިވާކަމަށެވެ. އަދި ޤާނޫނު އަސާސީއާއި ޤާނޫނު މާނަކުރުމުގައިވެސް، ޝަރީޢަތުންބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަން ކަނޑައަޅާފައިވާކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވަނީ ކޯޓުން ނެރޭ އަމުރަކާ ގުޅޭގޮތުން ގޮތްކަނޑައެޅުމުގެ އެއްވެސް އިޚްތިޞާޞެއް ޖުޑީޝަލް ސަރވިސްކޮމިޝަނަށް ލިބިގެންނުވާކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުން، އެ ކޮމިޝަނަކީ އެއްވެސް ފަރާތަކަށް ބުރަ ނުވެ، މިނިވަންކަމާއެކު ނުފޫޒުން އެއްކިބާވެފައިވާ މުސްތަޤިއްލު ކަމާއެކު މަސައްކަތްކުރުމަށް ހުވާކޮށްގެންތިބި މެންބަރުން ކަން ވަނީ ފާހަގަކުރައްވާފައެވެ.
މިއާއެކު މިމަހުގެ 13 ވަނަ ދުވަހު ޖުޑީޝަލް ސަރވިސްކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް އެކޯޓުން ކުރި އަމުރަކީ ޖޭއެސްސީގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅާ އަމުރެއްކަމަށް އެކޮމިޝަނުގެ 7 މެންބަރުންގެ ތެރެއިން 5 މެންބަރުން ނިންމާފައި ވުމަކީ، ސުޕްރީމް ކޯޓުގެ އަމުރަށް އިންކާރުކޮށް އެއަމުރަށް ގޮންޖަހާ، ޤާނޫނުން ޖުޑީޝަލް ސަރވިސްކޮމިޝަނަށް ލިބިފައިވާ ޤާނޫނީ އިޚްތިޞާޞުން ބޭރުން ކަމާއި ގުޅުންހުރި ޤާނޫނުތަކާއި ޚިލާފަށް އަދި ޖޭއެސްސީގެ މެންބަރުންގެ ސުލޫކީ މިންގަނޑާވެސް ކަނޑައެޅިގެން ޚިލާފަށް ކޯޓުގެ ޙުރުމަތް ކެނޑޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެއީ އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށް އެކޮމިޝަނުން ނިންމި ނިންމުމެއްކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ޖޭއެސްސީގެ އެ ނިންމެވުމަކީ ޣައިރު ޤާނުނީ ނިންމުމެއްކަމަށާއި، އެއީ ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ނިންމާ އެއްވެސް ނިންމުކަށް ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިގެންނުވާ ބާތިލު ނިންމުމެއްކަމަށް ސުޕްރީމްކޯޓުގެ އަމުރުގައި ވަނީ ކަނޑައަޅާފައެވެ. އަދި އަބްދުﷲ ދީދީގެ ސަސްޕެންޝަނާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ޚިލާފަށް ޖޭއެސްސީން ނިންމާ އެއްވެސް ނިންމުމެއް ނިންމުމަށް އެކޮމިޝަނުން ހިންގާ ކޮންމެ އިޖުރާޢަތަކީވެސް ބާތިލު އިޖުރާޢަތެއްކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަދި ސުޕްރީމް ކޯޓުގެ އަމުރާއި ޚިލާފަށް ޖޭއެސްސީން ނިންމާ ނިންމުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުންވެސް އަދި މަޖިލީހުގެ ކޮމިޓީއަކުްވެސް ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުން ނިންމާ ކޮންމެ ނިންމުމަކީވެސް ބާތިލް ނިންމުމެއްކަމަށް ކަނޑައަޅައި ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ސުޕްރީމް ކޯޓުންވަނީ އަމުރުކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާމެދު ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވަނިކޮށް ޖުޑީޝަލް ސަރވިސްކޮމިޝަނުންވަނީ އެ އަމުރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް ހުރަސްއަޅާ އަމުރެއްކަމަށް ވިދާޅުވެ ކޮމިޝަނުގެ ނިންމުން ދެމިއޮންނާނެކަން ހާމަކުރައްވާފައެވެ.
އަދި ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ޤާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުމެއްކަމަށާއި، ޖޭއެސްސީއާއި އެނޫންވެސް މިނިވަން މުއައްސަސާތަކަށް ސުޕްރީމް ކޯޓުން ނުފޫޒް ފޯރުވުން ހުއްޓާލުމަށް އެ ކޯޓަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އަދި ކޮމިޓީން ވަނީ ސުޕްރީމް ކޯޓަށް އިލްތިމާސްކުރާނެ ކަންކަން ހިމެނޭ ރިޕޯޓެއްވެސް އެކުލަވާލައި، މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓް ފޮނުވުމަށްވެސް ނިންމާފައެވެ.