ޚަބަރު

ސިއްޙީ ޚިދުމަތް ހަރުދަނާކުރަން އިތުރު 2000 މީހުން ބެނުންވޭ - މިނިސްޓަރ އަމީން


ރާއްޖޭގައި ސިއްޙީ ޚިދުމަތް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އިތުރު 2000 ޚިދުމަތްތެރިން މި ދާއިރާއަށް ބޭނުންވަކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިއްޙީދާއިރާގައި މަސައްކަތްކުރާނެ ހަރުދަނާ ޚިދުމަތްތެރިން ނެތުންކަމަށެވެ.

ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ދުވާލެއްގެ މައްޗަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެވްރެޖުކޮށް 6800 މީހުން ޑޮކްޓަރަށް ދައްކާކަމަށެވެ. ނަމަވެސް އެފަރާތްތަކަށް ޚިދުމަތް ދިނުމަށް އެކަށީގެންވާ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މި ޚިދުމަތްތައް އެކަށީގެންވާގޮތެއްގައި ދެވޭނެ އިންތިޒާމެއް ނެތީ ވަސީލަތްތައް މަދުވެފައި ޚިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުންގެ އަދަދުވެސް މަދުވުމުން ކަމަށެވެ.

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ޑޮކްޓަރުން އެތެރެކުރުމަށް މިހާރު އޮތް އުސޫލުގެ ދަށުން ރާއްޖެއަށް މިހާރު އެތެރެކޮށްފައިވަނީ ރާއްޖެއަށް އެތެރެވާންޖެހޭ އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުންކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށެވެ. އަދި މިހާރު ޑޮކްޓަރުން ރާއްޖޭގައި މަސައްކަތްކުރާ މުސާރައިގައި މިހާރު ތިބި ޑޮކްޓަރުންނަށްވުރެ ފެންވަރު ރަނގަޅު ޑޮކްޓަރުން ރާއްޖެ ގެނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ޑޮކްޓަރުންނާއި ނަރުހުން ރެކްރޫޓް ކުރުމުގައިވެސް އެކި ކަހަލަ ނުފޫޒު ފޯރާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކަނޑައެޅޭ ވަކި ހޮސްޕިޓަލްތަކަކަށް އަމާޒުކޮށްގެން ޑޮކްޓަރުންނާއި ނަރުހުން ރެކްރޫޓު ކުރުމަށް ރަނގަޅު އުސޫލެއް ތަންފީޒުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އަދި ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް އުސޫލުތަކަށާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުނުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.