ޚަބަރު

3 ފަނޑިޔާރުންގެ މައްސަލަ ހުށައެޅިފައެއް ނުވޭ - ޖޭއެސްސީ


ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަބްދުﷲ ދީދީގެ އިތުރުން އެކޯޓްގެ އެހެން އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ހުށައަޅާފައިނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން މިހެން ވިދާޅުވެފައިވަނީ 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ސޮއިކުރުމަށްފަހު، ފަހުން އެއަމުރު ބާޠިލްކަމަށް ކަނޑައަޅާ ސޮއިކުރި 3 ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީގެ ހުށައެޅިކަމަށް އަޑުފެތުރިފައިވަނިކޮށެވެ.

ސުފްރީމް ކޯޓުން ނެރުނު އަމުރު ބާތިލުކުރެއްވީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ޖޭއެސްސީން ވިދާޅުވީ ސުޕްރީމްކޯޓްގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް އެ ކޮމިޝަނަށް ހުށައަޅާފައިނުވާކަމަށެވެ.

2018ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު ނެރުނު މަޝްހޫރު އަމުރުގައި ވަނީ އޭރު ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޙުކުމް ތަންފީޒުކުރުމަށް ޖަލުގައި ޤައިދީންގެގޮތުގައި ތިއްބެވި ސިޔާސީ އިސް ބޭފުޅުންތަކެއް ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެ އަމުރާއެކު އޭރުގެ ސަރުކާރުންވަނީ، އެއަމުރު ނެރުނީ ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުން ރިޝްވަތު ނަންގަވައިގެންކަމަށާ، އެއީ ޤާނޫނާ ޚިލާފު އަމުރެއްކަމަށް ތުހުމަތުކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު ޢަލީ ހަމީދު ހައްޔަރުކޮށްފައެވެ.

އޭގެފަހުން ސުޕްރީމްކޯޓުންވަނީ އެއަމުރުގެ ބައިބަޔަށް ބާޠިލްކޮށްފައެވެ. އަމުރު ބާޠިލްކުރީ އަމުރު ނެރެން ސޮއިކުރި ފަސް ފަނޑިޔާރުންގެތެރެއިން ހައްޔަރުނުކޮށް ތިއްބެވި ތިން ފަނޑިޔާރުންނެވެ.