މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ އޮންލައިންކޮށް ދޭނެ ނިޒާމެއް މިއަދު ތައާރަފްކޮށްފިއެވެ.މި ނިޒާމްގެ ދަށުން ކޭޝްކާޑް ބޭނުންކޮށްގެންނާއި ބޭންކް އެކައުންޓް މެދުވެރިކޮށްވެސް ޓެކްސް ފައިދާ ދެއްކޭނޭކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން މައުލޫމާތުދެއެވެ.މި ނިޒާމް ބޭނުންކުރުމަށް މީރާ ކަނެކްޓްގައި ރަޖިސްޓްރީކުރަން ޖެހޭނެކަމަށާއި އޮންލައިންކޮށް ފައިސާ ދެއްކުމަށް ކޮންމެ ބޭންކެއްގެ އެކައުންޓެއްވެސް ބޭނުންކުރެވިދާނެކަމަށް އެފަރާތުންވަނީ މައުލޫމާތުދެއެވެ.މީރާއިންވަނީ ވާރު ކާޑުގެ ނަމުގައި ޓެކްސް ދެއްކުމަށް ހާއްސަ ކާޑެއްވެސް ތައާރަފްކޮށްފައެވެ.ހަމައެކަނި ޓެކްސް ދެއްކުމަށް ބޭނުންކުރެވޭ މިކާޑް ރުފިޔާ އެކައުންޓެއްގެ އިތުރުން ޑޮލަރު އެކައުންޓަކަށްވެސް ލިންކް ކުރެވިދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.ވާރު ކާޑްގެ ނަމުގައި މީރާއިން ތައާރަފްކޮށްފައިވާ މި ޓެކްސް ކާޑް ހެދުމަށް ހުށަހަޅަންޖެހެނީ ބޭންކް އޮފް މޯލްޑިވްސްއަށެވެ.މީގެ ކުރިން މީރާއިންވަނީ އޮންލައިންކޮށް ޓެކްސް ބަޔާންތައް ހުށަހެޅޭނެ ނިޒާމެއްވެސް ގާއިމްކޮށްފައެވެ.އެހެންކަމުން މިއަދު ތައާރަފްކުރެވުނު ޓެކްސް ފައިސާ އޮންލައިންކޮށް ދެއްކުމުގެ ހިދުމަތާއިއެކު ޓެކްސް އާއި ގުޅޭ ހުރިހާކަމެއް އޮންލައިންކޮށް ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވިފައެވެ.