ކުޅިވަރު

ނެޝަނަލް ސްޕޯޓްސް ކައުންސިލް އުވާލައިފި


ނެޝަނަލް ސްޕޯޓްސް ކައުންސިލް އުފާލައިފިއެވެ. އެ ކައުންސިލް އުފާލާފައިވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފެވެ. ކުޅިވަރު އެސޯސިއޭޝަންގެ ކަންކަމުގައި އެންމެ ފަހު ބަސް ބުނުމަށް އެކުލަވާލައިވާ ނެޝަނަލް ސްޕޯޓްސް ކައުންސިލް އުވާލާފައިވަނީ އެ ކައުންސިލްގެ މުއްދަތު ހަމަވެ، އެ ކައުންސިލަށް އިންތިޙާބް ކުރަންޖެހޭ މެންބަރުން އިންތިޚާބްނުކޮށް އޮތް ދަނޑިވަޅެއްގައެވެ.

މިކައުންސިލް އުވާލުމަށްފަހު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލާފައިވާ ސްޕޯޓްސް ކައުންސިލް، ޤާނޫނު ނަންބަރު 30/2015އާއި އެއްގޮތަށް، އުވާލާފައިވާކަމަށާއި އަލުން ކައުންސިލް އެކުލަވާލާނީ އިންތިޙާބް ކުރަންޖެހޭ މެންބަރުންނާއި އެކުގައިކަމަށެވެ.

ސްޕޯޓްސް ކައުންސިލްއަކީ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. 5 މެންބަރުން އައްޔަން ކުރާނީ ޔޫތް މިނިސްޓަރެވެ. އެއީ ޤާނޫނީ ވަކީލަކާއި ދެ އަންހެން މެންބަރުންނާއި ޔޫތް މިނިސްޓްރީގެ ދެ ބޭފުޅުންނެވެ. ދެން އެ ކައުންސިލްގައި ތިބޭނީ އޮލިމްޕިކް ކުޅިވަރުތަށް ތަމްސީލް ކުރާ ދެ މެންބަރުންނާއި، އޮލިމްޕިކް ނޫން ކުޅިވަރުތައް ތަމްސީލް ކުރާ ދެ މެންބަރުންނާއި، އެޑިޢުކޭޝަން މިނިސްޓަރ އައްޔަން ކުރައްވާ މެންބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާ މެންބަރެކެވެ. ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ މައިގަނޑު މަސްޢޫލިއްޔަތަކީ ޔޫތް މިނިސްޓަރަށް މަޝްވަރާއާއި ލަފާ ދިނުމެވެ.

ސްޕޯޓްސް ކައުންސިލްގެ އެންމެ ފަހުގެ ރައީސް އިބްރާހީމް އިސްމާޢީލް ވިދާޅުވީ އުވާލެވުނު ކައުންސިލުންވަނީ ކުޅިވަރުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ވަރަށް ގިނަ ޤަވާއިދުތަކާއި އުސޫލްތައް އެކުލަވާލާފައެވެ. މި ޤަވައިދުތަކުގެ ތެރެއިން 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި މިއީ ނިމިގެންދިޔަ ކައުންސިލުން އެންމެ އިސްކަމެއްދީގެން ކުރި އެންމެ މުހިއްމު މަސައްކަތްކަމަށް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ. އަދި ނެޓް ބޯލް އެސޯސިއޭޝަން، ޗެސް އެސޯސިއޭޝަން އަދި ކެރަމް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އެކުލަވާލުމަށް އެ އެސޯސިއޭޝަންތަކުގެ އަސާސީ ޤަވާއިދު އިސްލާހުކޮށް، އެ ތިން އެސޯސިއޭޝަންގެ އިންތިޙާބްވެސް ބާއްވާފައިވާކަމަށް އޭނަ ވިދާޅުވިއެވެ.