ވިޔަފާރި

ނެޝަނަލް ޙަލާލް ލެބޯރެޓަރީއެއް ރާއްޖޭގައި ޤާއިމްކުރަނީ


ރާއްޖޭގެ އުފެއްދުންތަކަށް ޙަލާލް ސެޓްފިކެޓް ދޫކުރުމަށް، ނެޝަނަލް ޙަލާލް ލެބޯރެޓަރީއެއް ރާއްޖޭގައި ޤާއިމްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްއަށް ހުށަހެޅުމަށް ނިންމައިފިއެވެ.

މިމަޝްރޫޢަށް 9.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ވެބްސައިޓުގައި ލަފާކޮށްފައިވެއެވެ. މިމަޝްރުޢޫގެ ސަބަބުން ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް ހަލާލް ސެޓްފިކެޓް ހޯދުމަށް މިހާރު ދިމާވާ ގޮންޖެހުންތައް ނައްތާލެވިގެންދާނެކަމަށް ބުނެފައިވެއެވެ. އެގޮތުން މިހާރު ރާއްޖެއިން އެކްސްޕޯޓްކުރާ މުދަލަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޙަލާލް ސެޓްފިކެޓް ލިބެނީ ރާއްޖެއިން ބޭރުގެ ލެބޯރެޓަރީތަކުގައި ތަކެތި ތަހުލީލުކޮށް، ގިނަ ދުވަސްތަކެއްފަހުންކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ރާއްޖޭގައި ނެޝަނަލް ޙަލާލް ލެބޯރެޓަރީއެއް ޤާއިމްވުމުން، މަސައްކަތް އަވަސްވެ، ދުނިޔޭގައި ފުޅާވަމުންދާ ޙަލާލްތަކެތީގެ މާކެޓުގައި ރާއްޖޭގެ އުފެއްދުންތަކަށް ޖާގަ ލިބިގެންދާނެކަންވެސް މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ފާހަގަކޮށްފައިވެއެވެ.

ޙަލާލު ސެޓްފިކެޓަކީ، އެ އެއްޗަކީ މުސްލިމުން ބޭނުންކުރުން އިސްލާމް ދީން ހުއްދަކުރާ ޚުދޫދުގެ ތެރޭގައި ހިމެނޭ އެއްޗެއްކަން ކަށަވަރުކޮށްދޭ ރަސްމީ މަރުކާއެކެވެ.

ޙަލާލް ސެޓްފިކެޓް ދޫކުރުމަށް، ނެޝަނަލް ޙަލާލް ލެބޯރެޓަރީއެއް ރާއްޖޭގައި ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އިސްލާމިކް މިނިސްޓްރީން 2013 ވަނަ އަހަރު ހެދި ޤަވާއިދެއްގެ ދަށުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ މުދަލަށް ޙަލާލް ސެޓްފިކެޓް ދޫކުރަމުންދެއެވެ. ނަމަވެސް އެއީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ސެޓްފިކެޓެއް ނޫނެވެ.