މިމަހުގެ ތެރޭގައި ހިންގާފައިވާ ބޮޑެތި އެކްސިޑޭންޓުތަކާއި ގުޅިގެން އިޙުމާލުވެފައިވާ ފަރާތްތަކާމެދު ޓްރާންސްޕޯޓު އޮތޯރިޓީން ފިޔަވަޅު އަޅައިފިއެވެ.މިމަހުގެ ތެރޭގައި ހިނގާފައިވާ 3 އެކްސިޑެންޓެއްގައި އިހުމާލުވާ ފަރާތްތަކާމެދުވަނީ ފިޔަވަޅު އަޅާފައެވެ.
އެގޮތުން މިމަހުގެ 4 ވަނަ ދުވަހު މާލެއަދި ހުޅުމާލެ ލިންކް ރޯޑުގައި ބަހައްޓާފައިހުރި ޑިވައިޑާ ތަކުގައި ޖެހިގެން އެކްސިޑެންޓުގައި ކާރު ދުއްވަން ހުރިމީހާގެ ލައިސެންސް އެއް އަހަރުދުވަހަށް ހިފަހައްޓާ އޭނާ ވަނީ ޖޫރިމަނާކޮށްފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން އޭނާ ޖޫރިމަނާކޮށްފައިވަނީ އެކްސިޑެންޓާއި ގުޅިގެން އަންގަން ޖެހޭ ފަރާތްތަކަށް ނާންގާ ސިއްރުކުރުމާއި ގުޅިގެންކަމަށް އެއޮތޯރިޓީން ހާމަކުރެއެވެ.
ފިޔަވަޅު އަޅާފައިވާ އަނެއް މައްސަލައަކީ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ބުރިޖުމަތީގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެންގޮސް މެރިން ރިސަރޗް ސެންޓަރުގެ ފާރުގައި ޖެހި ހިންގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ލައިސެންސް އެއް އަހަރާއި 6 މަސްވަންދެން ހިފަހައްޓާފައިވާކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ހާމަކުރެއެވެ.
މީގެ އިތުރުން މިމަހުގެ 8 ވަނަ ދުވަހުގެ މާލެ ހުޅުމާލެ ލިންކްރޯޑުގައި ރޯޑް ރޭޑަރ ހިމެނޭ ސަރަޙައްދުން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެގެންގޮސް މަގުގައި ބަހައްޓާފައިހުރި ޑިވައިޑާތަކުގައި ޖެހި ހިންގި އެކްސިޑެންޓުގައިވެސް ދުއްވަން ހުރި މީހާގެ ލައިސެންސް ވަނީ އެއް އަހަރަށް ހިފަހައްޓާފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީން އެކްސިޑެންޓުތަކުގެ މި ކޭސްތަކަށް ފިޔަވަޅު އަޅާފައިވަނީ މި އެކްސިޑެންޓުތަކާއި ގުޅިގެން އިދާރީފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެއޮތޯރިޓީއަށް އެންގުމާއި ގުޅިގެންނެވެ.
މިމަހުގެ ތެރޭގައި ހިނގާފައިވާ އެކްސިޑެންޓުތަކުގައި ފިޔަވަޅު ޓްރާންސްޕޯޓް އޮތޯރިޓީން އަޅާފައވާއިރު ރޭވެސް ވަނީ ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓޭއް ހިނގާ ޑިވައިޑާރސްތަކަށް ބޮޑު ގެއްލުމެއް ލިބިފައެވެ.