މުނިފޫހިފިލުވުން

މުއާގެ "ލީނާ" އަންނަމަހު 23 ގައި ސްކްރީނަށް


މަޝްހޫރު ފިލްމީ ތަރި ޢަބްދުﷲ މުޢާޒު ޑައިރެކްޓްކުރާ ފުރަތަމަ ފީޗަރ ފިލްމް "ލީނާ" އަންނަމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމައިފިއެވެ.

މީ 2001 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެތަނުގެ މުވައްޒަފު އަޒްލީނާ ގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ތްރިލަރ ފިލްމެކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ކުޅަދާނަ ބަތަލާ މަރިޔަމް އައްޒައެވެ. މިއީ މިއަހަރު ނުކުންނަ އައްޒަގެ 4 ވަނަ ފިލްމެވެ.

އަންނަމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ލީނާގެ ޝޫޓިންގ ނިންމާލާފައިވާއިރު، މިހާރު ކުރިއަށްދަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ. މި ފިލްމުގެ ވާހަކައާއި ސްކްރީން ޕްލޭ ތައްޔާރުކޮށްދީފައިވަނީ އަޙްމަދު ޒަރީރެވެ.

"ލީނާ" ފުރަތަމަ ޓީޒަރ ޓްރެއިލަރ އާއްމުކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. ޓީޒަރ ޓްރެއިލަރގައި ފެންނަގޮތުގައި ފިލްމުގެ ނަން ނިސްބަތްވާ އައްޒަގެ އުފާވެރި ދިރިއުޅުމަށް އެޅިގެންދާ ހިޔަންޏެއްގެ ސަބަބުން، އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދާ މަންޒަރު ފެނިގެންދެއެވެ.

ފިލްމް ލީނާ ރިލީޒްކުރާނެ ތާރީޚު، ފިލްމުގެ ފޭސްބުކް ޕޭޖުގައި އިޢުލާންކޮށްފައިވާއިރު، މި ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރާގޮތަށް ނިންމާފައިވަނީ މިދިޔަ އޭޕްރީލުމަހުގެ ތެރޭގައެވެ.

ލީނާގެ ޑައިރެކްޓަރ އަދި ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ މުޢާޒް މި ފިލްމާއި ގުޅޭގޮތުން ވާހަކަދައްކަމުން ބުނެފައިވަނީ ފިލްމުގެ ހުރިހާކަމެއްވެސް ޖުމްލަގޮތެއްގައި ކުރިއަށްގޮސްފައިވަނީ ވަރަށް ރަނގަޅަށްކަމަށާއި، ފިލްމާމެދު ކުރެވޭ އުއްމީދު ބޮޑުކަމަށެވެ. އަދި މިއީ ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ވެގެންދާނެކަމަށް އުއްމީދުކުރާކަމަށާއި، ނަމަވެސް ގޮތް ނިންމާނީ ބެލުންތެރިކަމަށް އޭނާ ބުނެފައިވެއެވެ.

އަންނަމަހުގެ 23 ވަނަ ދުވަހު ލީނާ ރިލީޒްކުރުމަށް ނިންމާފައިވާއިރު، މިއީ ދިވެހި ސިނަމާތަކަށް މިއަހަރު އަންނާނެ 7 ވަނަ ފިލްމެވެ.