ޚަބަރު

ރާއްޖޭގެ އުތުރާއި ދެކުނުގައި ޚާއްސަ ބަލިތަކަށް ފަރުވާލިބޭ ހޮސްޕިޓަލްތައް ޤާއިމުކުރަނީ


ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ތަރައްޤީކުރާ ޓަރޝިއަރީ ހޮސްޕިޓަލްތަކަކީ އެކި ބަލިތަކަށް ސްޕެޝަލައިޒްކޮށްފައިވާ ހޮސްޕިޓަލްތަކަށް ހެދުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކުރައްވައިފިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުންވަނީ ޖުމްލަ ދިހަ ހޮސްޕިޓަލް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މީގެ ތެރެއިން ފަސް ސަރަޙައްދެއްގައި ތަރައްޤީކުރާނީ އެކި ބަލިތަކަށް ޚާއްސަ ހޮސްޕިޓަލްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ޚާއްސަ ކުރަނީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލާއި ގދ.ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްކަމަށް ހެލްތު މިނިސްޓްރީން ހާމަކުރައްވައެވެ.

މިހުރިހާ ހޮސްޕިޓަލްތައް ސްޕެޝަލައިޒްކުރަނީ ކޮންދައިރާތަކުންކަން ހާމަކުރައްވާފައި ނުވިނަމަވެސް މިނިސްޓްރީންވަނީ، ރާއްޖޭގެ އުތުގެ ސަރަޙައްދު ތެލަސީމިއާގެ ފަރުވާއަށް ޚާއްސަ ސަރަޙައްދަކަށް ހައްދަވައި، ދެކުނުގެ ސަރަޙައްދު ހިތުގެ ބަލިތަކަށް ޚާއްސަ ފަރުވާ ފޯރުކޮށްދޭ ސަރަޙައްދަކަށް ހެއްދެވުމަށް މަސައްކަތްކުރައްވަމުން އަންނަކަން ހާމަކުރައްވާފައެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ އެކިސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ބޭސްފަރުވާއަށް ކޮންމެފަހަރަކު މާލެ އަންނަންޖެހޭޖެހުން ހުއްޓުމަކަށް ގެނެސް އެމީހަކު ހުރި ސަރަޙާއްދަކުން ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ. މިއީ އެއްއަހަރު ދުވަހުގެތެރޭގައި ވާނެކަމެއް ނޫންކަމަށާ، އަމާޒަކީ މިއަހަރު ނިމްނެވާއިރަށް ސިއްޙީ ދާއިރާއިން ބޮޑު ބަދަލެއް ގެނައުންކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން އެންމެފަހުގެ މަޢުލޫމާތު ޢާއްމުކުރެއްވުމަށް ބޭއްވި މިޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އަތޮޅުތަކުގައި ސިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކުރުންކަމަށެވެ.